ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރަން ޚަރަދު ކުރަނީ 2018 ގެ ކެމްޕޭނުގެ ތެރެއިން - އެމްޑީޕީ

ސަރުކާރުގެ މެނިފެސްޓޯގައި ވާ ކަންކަމަށް ފައިސާ ޚަރަދު ކުރަން ނިންމާފައި އޮތީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ހަރަކާތްތަކުގެ ތެރެއިން ކަމަށް ވެދާނެ ކަމަށް އިދިކޮޅު އެމްޑީޕީން ހާމަކޮށްފިއެވެ.
މިއަދު އެޕާޓީގެ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުން 2015 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހުރި ގިނަ ކަންތައްތަކެއް 2017 ވަނަ އަހަރާ ހަމައަށް ނުނިމި ދިގުދަންމާފައިވާ ސަބަބު ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ.
"ގދ.ތިނަދޫ ބިން ހިއްކުންވެސް 3 އަހަރަށް ބަހާލާފައި އޮތް އިރު 2017 ވަނަ އަހަރަށް ބޮޑު ފައިސާ ޚަރަދު ކުރަން ނިންމާފައި މިއޮތީ. ފަހަރެއްގަ ވެދާނެ ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ލާރި ޚަރަދު ކުރަން ނިންމާފައި އޮތީ 2018 ވަނަ އަހަރުގެ އިންތިޚާބުގެ ހަރަކާތް ތަކުގެ ތެރެއިން ކަމަށް. އެހެންވީމަ އެހަރަކާތްތަކުގެ ތެރޭގަ ބަޖެޓުގެ ފައިސާ ޚަރަދު ކުރަން ނިންމަވާފަ އޮތީ ކަމަށްވެސް ވެދާނެ. އަޅުގަނޑުމެން އުންމީދު ކުރަން ސަރުކާރުން މިކަންތައްތައް ސާފުކޮށްދެއްވާނެ ކަމަށް. އަޅުގަނޑަކަށް ނޭނގެ ކޮން މަޤުސަދެއްގަ ކީއްކުރަން ކޮށްފަ އޮތް ކަމެއް ކަމެއް" އަސްލަމް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އަސްލަމް ވަނީ ސަރުކާރުގެ ބަޖެޓުގައި އިމާރާތް ކުރުމުގެ ދާއިރާއިން ކުރުމަށް ހަމަޖައްސާފައި ހުރި ކަންކަމަށް ހޭދަވާނެ ފައިސާ ހިމަނާފައި ވާއިރު، އެއީ ކިހިނެތް ބަލާފައި ކަނޑައަޅާފައިވާ ފައިސާކަން ސާފު ނުވާކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުގެ މެނިފެސްޓޯއާއި ބަޖެޓާ ދިމާނުވާ ބައެއް ކަންތައްތައްވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ސަރުކާރުން އަލަތު ކައިވެންޏެއް ކުރާ ކޮންމެ ދެމަފިރިއަކު ގެދޮރުވެރިކޮށްދޭނެ ކަމަށް ބުނާ ސިޔާސަތު މިހާރު އޮޅުވާލާފައި ވާކަމަށާއި ދެމަފިރިއަކު ރޭންކު ކުރެވިފައިވާ ވަރަށް ދަށުގައި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ގެދޮރުވެރި ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ލިބޭ ގޮތަށް އޮތީ ކައިވެނިކޮށްގެން ދަރިން ލިބިފައި ތިބި ދެމަފިރިންނަށް ކަމަށާއި، މިހާރު ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމަކީ ޒުވާން އާއިލާތަކަށް އަމާޒުކުރެވިގެން ހިންގޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އަލަތު ކައިވެންޏާއި އެކު ގެދޮރުވެރި ކުރުވުމުގެ ސޔާސަތުގެ ދަށުން 5 އަހަރު ދުވަހުގެ ތެރޭގައި މާލޭގައި 5000 ހައުސިންގ ޔުނިޓު އަދި އަތޮޅު ތެރޭގައި 10000 ހައުސިންގ ޔުނިޓް އަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް މާލެ އާއި ހުޅުމާލޭގައި އެޅުމަށް ބަޖެޓުގައި ހުށަހަޅާފައިވާ ހައުސިންގ ޔުނިޓުތަކުގެ އަދަދަކީ 1089ޔުނިޓު ކަމަށް އެމްޑީޕީން ބުންޏެވެ.
އަސްލަމް ވިދާޅުވީ 2015 ވަނަ އަހަރުގެ ބަޖެޓުން ސަރުކާރުން އަލަށް ކުރަން ހަމަޖެހިފައިވާ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި، އަންނަ އަހަރަށްވެސް ބަޖެޓު ކުރެވިފައިވަނީ ފާއިތުވި އަހަރުވެސް ބަޖެޓު ކޮށްފައި ހުރި ކަންތައްތައް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ