ކޯޓުތަކާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކަށް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ސުޕްރީމް ކޯޓުން ވަކި ކުރުމަށް ޖުޑީޝަލް ސާރވިސެސް ކޮމިޝަނުން ހުށަހެޅި ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާދީއްތަ ދުވަހު އޮޮންނަ އިރު، އެދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގެ ކުރިމައްޗަށް ނިކުތުމަށް އެމްޑީޕީއިން ނިންމައިފިއެވެ.
އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ އިދާރައިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، 14 ޑިސެމްބަރު ވާ އާދީއްތަ ދުވަހު "ޑިމޮކްރަސީގެ ދިފާޢުގައި" ހެނދުނު 09:00 އަށް މަޖިލީސް ކުރިމައްޗަށް އެމްޑީޕީއިން ނިކުންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް މަޖިލީހުން އިސްލާހެއް ފާސްކުރީ ޑިސެމްބަރު 09 ވަނަ ދުވަހެވެ. އެއާ ވިދިގެން އައި ޑިސެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީޤް ކުރެއްވުމާ ގުޅިގެން، ޖުޑީޝަލް ސާރވިސެސް ކޮމިޝަނުން ވަނީ ހަމަ އެ ދުވަހު ބައްދަލުވުމެއް ބާއްވައި، ސުޕްރީމް ކޯޓުން އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނާއި، ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާނު އެ ކޯޓުން ވަކި ކުރުމަށް ނިންމައި، މަޖިލީހަށް އެ ދެ ފަނޑިޔާރުންގެ ނަން ފޮނުއްވާފައެވެ.
ނަމަވެސް، ޖޭއެސްސީގެ އެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ގިނަ މެމްބަރުންތަކެއް ވަނީ، އެ އިސްލާހަކީ ޤާނޫނާ ޤަވާއިދުތަކާ ޚިލާފު އިސްލާހެއް ކަމަށް ބުނެ، އެ ވޯޓުގައި ބައިވެރި ނުވެފައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މި އިސްލާހު ހުށަހެޅުއްވި ނަމަވެސް، އެމްޑީޕީއިން ފަހުން ނިންމާފައި ވަނީ އެ އިސްލާހަކީ އެ ޕަޓީގެ ސިޔާސަތުތަކާ ދެކޮޅު އެއްޗެއް ކަމުން އެއަށް ތާޢީދު ނުކުރުމަށެވެ. ނަމަވެސް، މަޖިލީހަށް އެ އިސްލާހް ބަލައިގެންފައި ވާތީ، އެ އިސްލާހް އަނބުރާ ގެންދިއުމުގެ ފުރުސަތެއް އެމްޑީޕީއަށް ލިބިފައި ނުވެއެވެ.
އެ ބިލް މަޖިލީހުގެ ތަޅުމުން ފާސްވީ ބިލް ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ގޮތަށް އިސްލާހެއް ގެނެސްގެންނެވެ. ޝަރީފް ހުށަހެޅުއްވި ބިލުގައި ވަނީ، ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރާނީ މަޖިލީހަށް އަލުން ނަން ހުށަހަޅައިގެން ކަމަށެވެ. ނަމަވެސް ބިލް ދިރާސާކުރި ކޮމިޓީއިން ވަނީ، ފަސް ފަނޑިޔާރުންނަށް ބެންޗު ކުޑަކުރާނީ މިހާރު ތިބި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކޮށްގެން ކަމަށެވެ. 10 ޑިސެމްބަރު ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މި އިސްލާހު ފާސްވީ، 46 ވޯޓާ އެކުގައެވެ. އެމްޑީޕީގެ 19 މެމްބަރުން އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އިރު، އެމްޑީޕީ ޕީޖީގައި ހިމެނިވަޑައިގަންނަވާ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.
މި އިސްލާހާ ގުޅިގެން، އެމްޑީޕީ ޤައުމީ ހިންގާ ކޮމިޓީއިން ރޭ ވަނީ، ސުޕްރީމް ކޯޓުން ދެ ފަނޑީޔާރުން ޤަނޫނާ ޤަވާއިދާ ޚިލާފަށް ޖޭއެސްސީއިން ވަކިކުރުމަށް ނިންމާފައި ވާތީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، ކޯޓު ހުޅުއްވައިދިނުމަށް އެދި ސިޓީ ފޮނުވާފައެވެ. އަދި، ދިވެހިރާއްޖޭގެ "ޑިމޮކްރަސީ ކަތިލުމަށް" ކުރަމުންދާ މަސައްކަތް ނާކާމިޔާބު ކުރުމަށްޓަކައި، އާދީއްތަ ދުވަހު މަޖިލީހުން ނެގޭ ވޯޓުގައި، ފަނޑިޔާރުން ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް އެމްޑީޕީ ޕީޖީގެ 23 މެމްބަރުންނަށް އެމްޑީޕީއިން ވަނީ އަންގާފައެވެ.
ސުޕްރީމް ކޯޓުން ދެފަނޑިޔާރުން ވަކިކުރާތީ އެމްޑީޕީއިން މަޖިލިސް ކުރިމައްޗަށް ނިކުންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ