ޕީޕީއެމްގެ ރައީސް މައުމޫން އުޅެނީ ޕީޕީއެމް "ހައިޖެކް" ކޮށްގެން ކަމަށާ އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންނާއި ކައުންސިލް ބައެއް މެންބަރުން ރައީސް އަބްދުﷲ ޔާމީނާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީގެ ހަމަތަކަށް ރައީސް މައުމޫން މީގެ ކުރިން ވަކާލާތު ކުރެއްވި ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ އެ އުސޫލުން ނޫން ކަމަށެވެ. އެގޮތަށް އަބްދުއްރަހީމް ވިދާޅުވީ ޕާޓީ ހިންގުމަށް އޭނާއަށް ދީފައިވާ ބާރުތައް ރައީސް މައުމޫން ނެންގެވުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީ ހިންގުމަށް އޭނާއަށް ދީފައިވާ ބާރުތައް ރައީސް މައުމޫނަށް ނެންގެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އޭނާގެ އަތުން ބާރުތައް ނެންގެވި ވަކި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އޭނާ ޕާޓީ ހިންގަމުން ދިޔައީ ރައީސް މައުމޫން ބޭނުންފުޅުވި ގޮތަށް ކަމަށާއި ރައީސް މައުމޫން އެކަމަށް ހެކިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަނަކީ ޕާޓީގެ ކައުންސިލް ކަމަށެވެ. ނަމަވެސް ރައީސް މައުމޫން އޭނާގެ އަތުން ބާރުތައް ނަގާފައިވަނީ ކައުންސިލަށް އެނގުމަކާ ނުލާ ކަމަށާ އެއީ ރައީސް މައުމޫން އެކަން ކުރެއްވޭނެ ގޮތެއް ނޫން ކަަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫނަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫން މިހާރު އުޅުއްވަނީ އޭނާ ދުވަހަކުވެސް ދެކެފައިވާ ޑިމޮކްރަސީގެ ވައްތަރެއްގެ ތެރޭގައި ނޫން ކަމަށެވެ. ރައީސް މައުމޫނަށް ވެސް ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުވާ ނުލެވޭނެ ކަމަށާއި އެހެންކަމުން މިހާރު ދިމާވެފައިވާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެެ.
"އަޅުގަނޑު ހަމަ ސުވާލު ކޮށްލަން ބޭނުން މިއީ ކޮން ވައްތަރެއްގެ ޑިމޮކްރަސީއެއްތޯ؟" ރައީސް މައުމޫނަށް އަމާޒުކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕާޓީ ހިންގުމަށް އަދުރޭއަށް ދީފައިވާ ބާރުތައް ނަންގަވާފައި މިވަނީ ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް މައުމޫން ދަންނަވާފައިވަނިކޮށް މައުމޫންގެ އެދިވަޑައިގަތުމާ ދެކޮޅަށް އެ އިސްލާހު އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަދުރޭ ވަނީ ސަރުކާރުގެ ހުށަހެޅުމަށް ތާއީދުކުރައްވާ ވާހަކަދެއްކެވުމުގެ އިތުރަށް އެ އިސްލާހަށް ތާއީދުކޮށް ވޯޓްވެސް ދެއްވާފަ އެވެ. ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް މައުމޫން ފޮނުއްވި މެސެޖުގައި އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަކީ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި އަދި ރޫހާވެސް ޚިލާފު ކަމެއް ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ މ. ގައި އެކަން ބަޔާންކޮށްފައިވާ ކަންވެސް މައުމޫންގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
މައުމޫންގެ މި މެސެޖަށް ރައްދުދެއްވާ އަދުރޭ އިއްޔެ މަޖިލީހުގައި ވިދާޅުވީ ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓް ދެއްވުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވާނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާ އިސްލާހުތަކަށް ނިކަން ކެރިގެން ވޯޓް ދެއްވާނެ ކަމަށާއި ޕީޕީއެމްގެ މަޖިލިސް އެހެން މެންބަރުންވެސް ސަރުކާރުގެ ހުށަހެޅުންތަކަށް ވޯޓް ދެއްވާނެ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
އަދުރޭއަށް ދީފައިވާ ބާރުތައް މައުމޫން ނެންގެވިއިރު ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ އެއްވެސް ޖަލްސާއެއް މައުމޫންގެ ހުއްދަ ނެތި ނުބޭއްވުމަށް ވެސް މައުމޫން ރޭ ވަނީ އަންގަވާފަ އެވެ.
މައުމޫން އުޅުއްވަނީ ޕާޓީ "ހައިޖެކް" ކޮށްގެން: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ