ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނޫނީ އެހެން ބޭފުޅަކު ވެސް ޕާޓީ ދޫކޮށް އެހެން ޕާޓީ އަކާ ގުޅެން އުޅޭ ކަމެއް އިނގިފައިނުވާ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖަރުމަނު ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ޕާޓީ ދޫކޮށް އެހެން ޕާޓީއަކާއި ގުޅެން ނިންމާނީ އެބޭފުޅަކު އަމިއްލަ އަށްކަމަށާއި ޖާބިރު އެމަނިކުފާނާއި އެއްވެސް މަޝްވަރާއެއްކުރައްވާފައިނުވާ ކަމަށެވެ. އެކަމަކު އެވާހަކަތައް އޭނާ ދޮގެއް ނުކުރައްވަ އެވެ.
ގާސިމް ވިދާޅުވީ ޖާބިރު ފަދަ ވިސްނޭ ބޭފުޅަކު އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއް ކުރައްވަން ގަސްތު ކޮށްފައިވާ ނަމަ ނުވަތަ ކުރައްވާ ނަމަ ކޮންމެވެސް ސަބަބެއް ވެސް އޮންނަން ޖެހޭނެ ކަމަށެވެ.
އަބުދުﷲ ޖާބިރު އެޕާޓީ ދޫކުރައްވާ ގައުމީ އިއްތިހާދު ޕާޓީއަށް ސޮއި ކުރައްވާފައިވާ ކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރިފައިވާކަން ފާހަގަކޮށްލެވެ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައިވާކަމަށާއި މީހުން މެރުން އާއްމު ވެފައިވާއިރު ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓުމަށް ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖެއަކީ އަމާންތަނަކަށް ހެދުމަށް ބުރަމަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށާއި މިގައުމަކީ އަމާންތަނެއްގެ ގޮތުގައި އަންނައޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އަޒުމުގައި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މާދަމާވެސް ގައުމުގެ މިހާލަތު ބަދަލުކުރެވިދާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުގައި މަހެއްހާ ދުވަހު ހުންނެވި އިރު އެމަނިކުފާނާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާފައިވާތީ ގާސިމް ވަނީ އެކަމަށް ރައްދުދެއްވާފައެވެ. އެމްޑީޕީން ބުނެފައިވަނީ ގާސިމް އިބްރާހިމް ހިތުގެ އޮޕަރޭޝަނެއްކޮށްފައިވާ ކަމަށާއި ގާސިމްގެ ހާލު ސީރިއަސްވެގެން ޖަރުމަން ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯދި ކަމަށެވެ.
ނަމަވެސް ގާސިމް ވިދާޅުވީ ޖަރުމަނުވިލާތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއެކު ކުރެއްވި ދަތުރުފުޅަށްފަހު ބޭސްފަރުވާއަކަށް މަޑުކޮށްލެއްވީ ސައިނަސް އޮޕަރޭޝަނެއް ކުރެއްވުމަށްފަހު ކަމަށެވެ.
ޖާބިރު ޕާޓީ ދޫކޮށް އެހެން ޕާޓީ އަކާ ގުޅެން އުޅޭ ކަމެއް އިނގިފައެއް ނެތް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ