ހުއްދަ ދޭ ވަރަށް ވުރެ އުސްކޮށް އިމާރާތް ކުރުމަކީ ނުރައްކާ ބޮޑު މައްސަލައެއް: ޕްލޭނިން މިނިސްޓްރީ

އިމާރާތް ކުރުމަށް ހުއްދަ ދޭ ވަރަށް އުސްކޮށް އިމާރާތް ކުރުމަކީ ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމަށް ޕްލޭނިން މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނަރަލް އަހުމަދު ތޮލްހަތު ވިދާޅުވެއްޖެ އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ތޮލްހަތު ވިދާޅުވީ ހުއްދަ ދޭ ވަރަށް ވުރެ އުސްކޮށް އިމާރާތް ކުރުމަކީ ވެސް، އިމާރާތް ބާވުމުން ނުރައްކާވުމާ އެއްފަދަ ކަމެއް ކަމަށެވެ.
"ހުއްދަ ދޭއިރު ސިޓީ ކައުންސިލުން ބަލަންވާނެ ހުއްދަ ދީފަ އޮތް ކުރެހުމާ އެއްގޮތަށްތޯ. އަސްލު ކުރެހުމާ އެއްގޮތަށް ހުއްދަ ދޭންވާނީ. ބައެއް ހާލަތްތަކުގައި ބަދަލު ގެންނާނެ. އެކަމަކު، ބަދަލުކުރުމަށް ވެސް ހުއްދަ ނަގަން ޖެހޭނެ،" ތޮލްހަތު ވިދާޅުވި އެވެ.
މާ ގިނަ ފަންގިފިލާތަކެއް އުސްކޮށް ނުގެނި ނަމަވެސް ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ބައެއް ފަރާތްތަކުން ފަންގިފިލާތައް ތަރައްގީކުރާކަން ތޮލްހަތު ފާހަގަކުރެއްވި އެވެ. އެކަމަކު ސީދާ އަދަދު ހާމައެއް ނުކުރައްވަ އެވެ.
ތޮލްހަތު އިތުރަށް ވިދާޅުވީ އިމާރާތްކުރަން ހުއްދަދޭ މިންވަރަށް ވުރެ އުސްކޮށް އިމާރާތް ކުރުމުގެ ސަބަބުން ލޯޑު ނުހިފެހެއްޓި ނުރައްކާތެރި ހާދިސާތައް މެދުވެރިވުމަށް މަގުފަހިވާ ކަމަށެވެ.
އޭގެ އިތުރުން އާއްމު ރައްޔިތުންނަށް ނުރައްކާތެރިވާ ގޮތަށް 11 އިމާރާތެއް ހުރުމުން އެކަމާ މެދު ފިޔަވަޅު އަޅަން ސިޓީ ކައުންސިލަށް ވަނީ ފޮނުވާފައިވާކަން އޭނާ ހާމަކުރެއްވި އެވެ.
ތޮލްހަތު ވިދާޅުވި ގޮތުގައި އެފަދަ އިމާރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން މައްސަލަ ހައްލު ކުރުމަށް ވެސް އެތަނެއްގެ ވެރިފަރާތާއެކު ވާހަކަ ދައްކައެވެ. އަދި ފިޔަވަޅު އަޅަނީ އެކަން ރަނގަޅު ނުކުރާނަމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ