ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސިވިލް ކޯޓަށް ޒިޔާރަތްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސިވިލް ކޯޓަށް ޒިޔާރަތް ކުރައްވައިފި އެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން މިއަދު މެންދުރު ވަނީ ސިވިލް ކޯޓަށް ވަޑައިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާ ބައްދަލު ކުރައްވައިފަ އެވެ. މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސިވިލް ކޯޓަށް ޒިޔާރަތް ކުރި އިރު، މިދިޔަ ހޯމަ ދުވަހު އެ ފަނޑިޔާރުން ވަނީ ހައިކޯޓަށް ޒިޔާރަތްކޮށް އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާވެސް ބައްދަލުކުރައްވައިފަ އެވެ. މިހާރު ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުނެންވީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން އެ ކޯޓުގައި ތިއްބެވީ، ފަނޑިޔާރުން އައިޝާ ޝުޖޫން، އަބްދުލްޣަނީ މުހައްމަދު އަދި މަހާޒު އަލީ ޒާހިރެވެ. ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސަސްޕެންޑުކޮށް އޭނާ މަގާމުން ވަކި ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ދާނީ ރިސެސްއަށެވެ. އެ ކޯޓުގެ ރިސެސް ނިމޭނީ ޑިސެމްބަރު މަހުގެ އެންމެ ފަހު ރަސްމީ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ