ތިލަފަތަށް ވޯޓު ދިނުމުން ވާނެގޮތް މަދަނީ އަބްދުﷲ ކިޔައިދެއްވައިފި!

ދިވެހިރާއްޖޭގައި ތިލަފަތަށް ވޯޓު ދިން ޒަމާން ހިނގައްޖެކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.އިދިކޮޅު ސިޔާސީ ލީޑަރު މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ކަންވެސް ކުރެއްވި އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހުރަގޭގައި އޮންނަވައިގެންވެސް ގޮވާލައްވަނީ "މިއީ މަގޭ ރާއްޖެ" ކަމަށެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތިލަފަތަށް ވޯޓުދިނުމަށް އެމަނިކުފާނު ވިދާޅުނުވާކަން އޭނާ ފާހަގަކުރެއްވިއެވެ."ދިވެހިރާއްޖޭގައި ތިލަފަތް ގެންގުޅުނު ޒަމާން ހިނގައްޖެ. މިއަދު ތިލަފަތެއް ނުގެންގުޅޭ. މިއަދު ގެންގުޅެނީ ކައްޓާ. އެވެސް ގެންގުޅޭނީ އިލެކްޓްރޯނިކް ކައްޓާ. ރާކާ ގާބަރިއާއި ގުރާމް ގާބަރިއާއި ތިލަފަތާ ރާއްޖެއަކު ނުގެންގުޅޭނެ. އެހެންވީމަ ތިލަފަތަށް ވޯޓު ލީ ޒަމާން، ތިލަފަތަށް ކާޑު ކިރި ޒަމާން ނިމި ހިނގައްޖެ. އެއީ އަޅުގަނޑުމެންގެ މާޒީ. އެހެންވީމަ ތިލަފަތަށް ވޯޓުދެންޏާ ރައްޔިތުންގެ ސޯޓު ބޭލޭނީ. ކާކުތޯ ކޮންގެއެއްގަތޯ ތިލަފަތެއް އެލުވައިގެން އުޅެނީ." އަބްދުﷲ ވިދާޅުވިއެވެ.އޭނާ ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ތިލަފަތަށް ވޯޓު ނުދެއްވުމަށް ގޮވާލައްވާފައެވެ. އަބްދުﷲ ވިދާޅުވީ ހުޅަނގު މޫސުމުގެ ވާރޭ އަންނަހެން ސަރުކާރުގެ ވައުދުތައް އަންނާނެ ކަމަށެވެ. އެހެންނަމަވެސް އެއީ ނަމެއްގައި ވާ ވައުދުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެފަދަ ސަޅިބައިސައިގައި ނުޖެހި ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް އަބްދުﷲ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ