ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ބަޔަކު މާރާމާރީ ހިންގަން އުޅެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ގޭދޮށަށް ބަޔަކު ގޮސް އޭނާއާ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުސް އޮފީހުން ބުނީ، އަލީ ހަމީދުގެ ގޭ ދޮރުމައްޗަށް ގުރޫޕަކުން ގޮސް، އޭނާ ގެ އިން ބޭރަށް ނުކުތުމަށް ގޮވާފައިވާ ކަމަށެވެ. އަދި އެ މީހުން އަތުގައި މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ ލަކުޑިބުރި އާއި ދަނގަޑު ފަތި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަލީ ހަމީދު ބޭރަށް ނުނިކުންނެވީމަ އެ މީހުން ދިޔައީ ކަމަށް ރިޕޯޓު ލިބިފައިވަނީ. ފުލުހުން ދަނީ އެ މައްސަލަ ބަލަމުން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ގޮތް އެނގޭ މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ، ރޭ 30: 12 ހާއިރު، ހަމީދު ގޭގައި ފަރިއްކުޅުވަން އިންނަވަނިކޮށް ގޭގެ ދޮރުގައި މީހަކު ޓަކިޖަހައި، ހުޅުވަން އެދުނު ކަމަށެވެ. އަދި ހަމީދު ދޮރު ހުޅުއްވުމުގެ ކުރިން ދޮރުގައި ހަރުކޮށްފައި ހުރި ކުޑަ ބިއްލޫރިކޮޅަކުން ބޭރު ބެއްލެވި އިރު އަށެއްކަ މީހުން ހިމެނޭ ގުރޫޕެއް ދޮރުމަތީގައި މަޑުކޮށްގެން ހުރި ކަމަށް އޭނާ ބުންޏެވެ.
"އެ މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ބޯ ދިގުކޮށްފައި. އެކަކު އަތުގައި ވަޅިއެއް އޮތް އިރު ބައެއް މީހުން އަތުގައި ދަނގަޑު ފަތިތަކެއް ހުރި." އޭނާ ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ، އެކަން ފުލުހުންނަށް ރިޕޯޓުކުރުމުން ފަސް މިނިޓެއްހާ އިރު ތެރޭގައި ފުލުހުން އެތަނަށް އައި ކަމަށާއި އޭރު އެ މީހުން ފިލާފައިވާ ކަމަށެވެ.
"ހަމީދަށް ހަމަލާދޭން އުޅުނު ވަކި ސަބަބެއް ނޭނގޭ. ބޮޑަށް ލަފާކުރެވެނީ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ކުރިކަމެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ