ސަރުކާރަށް ނަގާ ބިންތަކުގައި ސިޓީ ކައުންސިލާ އެކު އަމިއްލަ ފަރާތްތަކުން ހަދާފައިވާ އެއްބަސްވުންތަކަށް ބަދަލު ދޭނީ ކޯޓުން އެގޮތަށް ނިންމައިފި ނަމަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބޮޑެތި ބިންތަކުގެ ތެރެއިން ސަރުކާރަށް ނަގަން ނިންމާފައިވާ ގިނަ ބިންތަކަކީ އެ ތަންތަން ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން އެކި ފަރާތްތަކާ އެކު އެގްރިމަންޓް ހަދާފައިވާ ބިންތަކެވެ.
"ހަވީރަ"ށް މިއަދު ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ވިދާޅުވީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކާ މިނިސްޓްރީން ހަވާލުވުމަށް ފަހު އެ ތަންތަނާ އެކު ހަދާފައިވާ އެގްރީމަންޓްތައް ބަލާނެ ކަމަށާއި ބައެއް އެގްރިމަންޓްތަކާ އެކު ކުރިއަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ކެންސަލް ކުރަންޖެހޭ އެގްރިމަންޓެއް އޮތް ނަމަ ނޫނީ ހަދާފައިވާ އެގްރިމަންޓެއް އުވާނުލާ ގޮތަށް ނިންމާނީ ވެސް އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ.
އެގްރިމަންޓެއް އުވާލަން ޖެހިއްޖެ ހާލަތެއްގައި އެ ފަރާތަކަށް ބަދަލެއް ދޭނީ ކޯޓަށް އެ މައްސަލައެއް ހުށަހަޅައި ކޯޓުން ހުކުމް ކުރާ ގޮތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު އެ ބިންތަކުގައި އެގްރިމަންޓްތަކެއް ކޮށްފައި ހުރުމަކީ އެކަމުގެ ސަބަބުން އެ ބިންތައް ތަރައްގީ ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ އޭޖީގެ ލަފާގެ މަތިން ކޯޓުގެ ތެރެއިން ދާން ޖެހޭ ޕްރޮސެސްއެއް. އެއީކީ މާ ބޮޑު މައްސަލައެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެ އެގްރިމަންޓްތަކާ ގުޅިގެން ދޭން ޖެހޭ ބަދަލެއް ދިނުމުގެ ކަންކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކުރިއަށް ގެންދަވާނެ. ކޯޓަކުން ބަދަލެއް ދޭން ހުކުމްކޮށްފިއްޔާ އެ ދޭން ޖެހޭ ބަދަލެއް ސަރުކާރުން ދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. ހައުސިން މިނިސްޓަރު މުއިއްޒު މިއަދު "ހަވީރަ"ށް އިންޓަވިއު ދެއްވަނީ. -- ހަވީރު ފޮޓޯ: މުހައްމަދު ސާޖިދު
މިނިސްޓަރު ވިދާޅުވީ އެ ބިންތަކުގައި މާ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ބަޔަކާ ހަވާލުކޮށްފައި ހުރި ކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަދި ބައެއް ބިންތަކުގައި އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ކޮށްފައި ނެތް އިރު ސަރުކާރުން އެފަދަ ފަރާތްތަކަށް ދޭންޖެހޭ ބަދަލަކީ، ބުރަޔަކަށް ވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ގިނަ ބިންތައް މިހިރީ ތަރައްގީ ވެސް ނުކުރެވި. އެހެން ހުރި އިރު އަޅުގަނޑަކަށް ހިއެއްނުވޭ ބަދަލު ދޭން ޖެހުމުގެ ކަންތަކަކީ މާ ބޮޑު ކަމަކަށްވާނެ ހެނެއް. އެއީ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން ހަވާލުވާ ބިންތައް ތަރައްގީ ކުރާނީ މާލެ އަލުން ރިޑިވަލޮޕް ކުރުމުގެ ޕްލޭނާ ވެސް އެއްގޮތަށް އެތަންތަނުން ރަނގަޅު އާމްދަނީއެއް ވެސް ނެރެވޭ ގޮތަށް ކަމަށެވެ. އަދި މާލޭގައި ހުރި ހުސް ބިންތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ މިނިސްޓްރީގެ އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ބިންތައް ނަގަނީ ސިޓީ ކައުންސިލާ މެދު މައްސަލައެއް ޖެހިގެން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ ބިންތައް ރަނގަޅު ގޮތުގައި ތަރައްގީ ކުރުން. ޕްލޭނެއްގެ ދަށުން ދައުލަތަށް އޭގެ އެންމެ ރަނގަޅު ފައިދާއެއް ލިބޭނެ ގޮތަށް ބިންތައް ތަރައްގީ ކުުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ބިންތަކުގެ އެއްބަސްވުންތަކަށް ބަދަލުދޭނީ ކޯޓުން އެގޮތަށް ނިންމުމުން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ