އަތަމާގެ 700 މިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި

އަތަމާ އިންވެސްޓްމަންޓުން ނަގާފައިވާ ލޯނުތަކަކަށް ދައްކަންޖެހޭ 700 މިލިއަނެއްހާ ރުފިޔާ ހަތް މަސް ތެރޭގައި އަނބުރާ ދެއްކުމަށް އެ ކުންފުންޏާއި އެ ލޯނުތަކަށް ގެރެންޓީ ދިން ހުރިހާ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަތަމާ އިންވެސްޓްމަންޓުން 2007 އިން ފެށިގެން 2010ގެ ނިޔަލަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި މޮރިޝަސް ކޮމާޝަލް ބޭންކުގެ އިތުރުން ބޭންކް އޮފް ސިލޯނުން ނަގާފައިވާ ހަ ލޯނަކަށް ގެރެންޓީ ދީފައިވަނީ މއ. އަތަމާގޭ އިބްރާހިމް އަބްދުއްލަތީފާއި މ. ކްރޯންޓް އާސިމާ ހަސަނާއި އަތަމާ މެރިން އިންވެސްޓްމަންޓެވެ.
އެ ލޯނުތަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާތީ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ޖުމްލަ 669.7 މިލިއަން ރުފިޔާ ވަނީ އަރައިފަ އެވެ. އެ ފައިސާ ހަތް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އަތަމާ އިންވެސްޓްމަންޓާއި އެ ލޯނުތަކަށް ގެރެންޓީ ދިން ހުރިހާ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އޮކްޓޫބަރު، 2012 ގަ އެވެ.
އެ މުއްދަތުގައި އެ ފައިސާ ނުދެއްކިއްޖެ ނަމަ އެ ލޯނުތަކަށް ރަހުނުކޮށްފައިވާ ކިހާދުއްފަރު ރިސޯޓާއި މާވެލާވަރު ރިސޯޓާއި އެތަންތަނުގައިވާ ހުރިހާ އިމާރާތްތަކާއި މެޝިނަރީ އާއި ފަރުނީޗަރާއި ތެލި ތަށި ސަމުސާ ފަދަ ތަކެތި ވެސް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ބޭންކަށް ދީފަ އެވެ.
އެ މައްސަލަ އަތަމާ ކުންފުންޏާއި އެ ލޯނުތަކަށް ގެރެންޓީ ދިން ފަރާތްތަކުގެ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އަދި އެ ފައިސާ ދެއްކުމަށް ދަށު ކޯޓުން ދީފައިވާ މުއްދަތަކީ އެކަށީގެންނުވާ މުއްދަތެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ތިން ފަނޑިޔާރުން އިއްތިފާގުން ހައި ކޯޓުން މިއަދު އިއްވި ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ