"ޕްރެސް ޓްރަސްޓް އޮފް އިންޑިއާ" އެވޯޑް "ހަވީރު"ގެ އަލީ ނާފިޒަށް

އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންގެ ކޯހަކުން އެއްވަނަ ހޯއްދަވައިގެން "ހަވީރު"ގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް "ޕްރެސް ޓްރަސްޓް އޮފް އިންޑިއާ" އެވޯޑް ހާސިލްކުރައްވައިފި އެވެ.
އޭނާ މި ކާމިޔާބީ ހޯއްދެވީ އިންޑިއާގެ ޚާރިޖީ ވުޒާރާ އާއި އެހެން ބައެއް ފަރާތްތައް ގުޅިގެން ދިން ފުރުސަތެއްގައި މިދިޔަ އޮގަސްޓުން ނޮވެމްބަރުގެ ނިޔަލަށް ނިއު ދިއްލީގައި "ޑިޕްލޮމާ ކޯސް އިން ޑިވެލޮޕްމެންޓް ޖާނަލިޒަމް" ފުރިހަމަކުރައްވައިގެންނެވެ.
އިނާމެއްގެ ގޮތުގައި 10،000 ރުޕީސްއާ އެކު ނާފިޒަށް އެވޯޑު ލިބިވަޑައިގެންނެވި އިރު، ކޯހުގައި އަށް ގައުމެއްގެ 13 ދަރިވަރަކު ބައިވެރިވި އެވެ. އެ ގައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން އަފްޣާނިސްތާން، ކިއުބާ، ނައިޖީރިއާ، ގާނާ، ޓެންޒެނިއާ، ނޭޕާލް، އަދި އިތިއޯޕިއާ އެވެ.
މި އެވޯޑް ދިން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަކީ އެ ގައުމުގެ އެންމެ ބޮޑު ނިއުސް އެޖެންސީ އެވެ.
ކޯހަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައިވާ ނާފިޒު ވިދާޅުވިގޮތުގައި މިއީ ހާއްސަ ޝަރަފެކެވެ. އަދި މި ކޯހަކީ ލިބިވަޑައިގެންނެވި މުހިއްމު ތަޖުރިބާއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެންމެ ހާއްސަ ކަމަކީ ގިނަ ގައުމުތަކެއްގެ ނޫސްވެރިން އެއް ތަނަކުން ބައްދަލުވެ، އެ މީހުންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވުން. އިންޑިއާ ކަހަލަ މުއްސަނދި މީޑިއާއެއް އޮތް ތަނެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވެސް ވަރަށް ހާއްސަ ކަމެއް،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒް ވަނީ 2010 ވަނަ އަހަރު "ހަވީރާ" ގުޅިވަޑައިގަތުމަށް ފަހު ސްރީ ލަންކާގައި ދެ އަހަރު ދުވަހުގެ މަލްޓިމީޑިއާ ޖާނަލިޒަމް ކޯހެއް ވެސް ފުރިހަމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ