ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ވަޒީފާއިން ވަކިކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމަށް ބުނެ އެ ކޯޓުގެ ބެންޗު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ރޭ ނިންމައިފި އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ޖަލްސާއެއްގައި ހުށަހެޅި ގަރާރެއްގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ އެހެން ބާރުތަކަށް ސުޕްރީމް ކޯޓުން ފާޅުގައި އަރައިގަނެ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށް ނިންމާފައިވާ ކަންތައްތައް ބާތިލްކޮށް، މަޖިލީހާއި ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ސުޕްރީމު ކޯޓުން ވަނީ އެކިއެކި އަމަލުތައް ހިންގައިފަ އެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށް، ވީ އެންމެ އަވަހަކަށް އާ ބެންޗެއް އެކުލަވާލުމަށް މަޖިލީހަށް ހުށަހެޅުމަށް އެ ގަރާރުގައި ބުނެފައި ވެ އެވެ. އަދި ސުޕްރީމް ކޯޓާ ދެކޮޅަށް އިހްތިޖާޖް ކުރުމަށް ވެސް ރޭ އެމްޑީޕީން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ ގަރާރު ވަނީ ފާސްވެފަ އެވެ.
އެމްޑީޕީން މިފަދަ ގަރާރެއް މި ނެރުނީ ސީއެސްސީގެ އަންހެން މުވައްޒަފަކަށް ފަހުމީ ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ 80 އަހަރުވީ ތާރީހުގައި ކުރިމަތިވި އެންމެ ކަޅު އެއް ދުވަސް ކަމަށެވެ. އަދި ތިން ބާރުގެ މައްޗަށް އެކުލެވިގެންވާ ނިޒާމް އެއްބާރުގެ މައްޗަށް ބަދަލުކޮށް ކޯޓުތަކުން މުޅި ގައުމުގެ ހިންގުން ފުނޑުފުނޑުކޮށްލާފައިވާ ކަމަށާއި އެހެންވެ މިކަމާ ގުޅޭގޮތުން ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ކުރުމަށް ޕާލިމެންޓްރީ ގުރޫޕަށް އިބޫ ވަނީ ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ފަހުމީ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމުމާއި މަޖިލީހުގެ ކަންކަން ހިނގާނެގޮތް ކަނޑައެޅުމުގެ ބާރާއި ސިޔާސީ ޕާޓީތަކުގެ ބިލާއި އިމްތިޔާޒުގެ ބިލަށް ގޮން ޖައްސަވައި ސުޕްރީމު ކޯޓުން ވަނީ މަޖިލީހުގެ ބާރުކަނޑުވާލާފައި ކަމަށެވެ.
އެ ކޯޓުގެ ބެންޗު ބަދަލު ކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރައްވާނެ ކަމަށް އިބޫ ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރިޔަސް އަދި މައްސަލަ ހައްލު ނުވާނެ ކަމަށާއި އެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނު ވެސް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ މި ހުކުމަކީ ފަހުމީ އަށް ކޮށްދެއްވި "ފޭވާ"އެއްގެ އިތުރުން އެ ކޯޓަށް ވެސް ކޮށްދިން "ފޭވާ"އެއް ކަމަށެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ފަނޑިޔާރުންނާ މެދު ކުރެވޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް އެބަހުރި. މި މައްސަލަތައް ބަލައި އެ މީހުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހިނގައިދާނެ ކަމުގެ ބިރު އޮތީމަ މި ބުނަނީ ފަހުމީގެ މައްސަލައަކީ ޖިނާއީ މައްސަލައެކޭ. އެކަމަކު އަޅުގަނޑުމެން ނުދެކެން މިއީ ޖިނާއީ މައްސަލައެއް ކަމަށް،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފަހުމީގެ މައްސަލަ ބަލައި އަނެއްކާ ވެސް އޭނާ ވަޒީފާއިން ވަކި ކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުން އަންނަނީ ބާރުތައް މުގުރައިގަންނަމުން ކަމަށާއި އެކަމަށް އިސްވެތިބީ ސުޕްރީމް ކޯޓުގައި ތިބޭ ބައެއް ކަމަށެވެ. އަދި އެ މީހުންގެ މަސައްކަތަކީ ޖޭއެސްސީގެ ބާރުކަނޑުވާލައި އެ މީހުން އަމިއްލަ އަށް އެ މީހުންނާ މެދު ނިންމުންތައް ނިންމުން ކަމަށް މާރިޔާ ތުހުމަތު ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމަކީ އަންހެނުންގެ އިއްފަތްތެރިކަން ނަގާލުމުގައި ބައިވެރިވުން ފަދަ ކަމެއް ކަމަށް މާރިޔާ ވަނީ ސިފަ ކުރައްވައިފަ އެވެ. އަދި ފަހުމީ އަކީ ސީއެސްސީގެ ރައީސްގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ވެސް މެމްބަރެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ފަހުމީ އަށް ކޮށްދެއްވީ "ފޭވާ"އެއް ކަމަށެވެ.
"ޖޭއެސްސީއަކީ ފަނޑިޔާރުންގެ ސުލޫކާއި އެފަދަ އެހެން މައްސަލަތައް ބަލައި އެކަމާ މެދު ގޮތެއް ނިންމައި ފިޔަވަޅުއަޅާތަން. ސުޕްރީމް ކޯޓުގެ މި ހުކުމްގެ މަގްސަދަކީ ސީއެސްސީ އެ މީހުންގެ އަތްދަށަށް ގެނެސް، ފަހުމީ ޖޭއެސްސީގައި ބޭންދޭނެ ގޮތް ހަދައިދިނުން. މިއީ ޖޭއެސްސީ އަށް ސުޕްރީމް ކޯޓުން ކޮށްދެއްވި ފޭވާއެއް،" މާރިޔާ ވިދާޅުވި އެވެ.
ޖަލްސާގައި ބައިވެރިވެ ވަޑައިގެން މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް މި ގަރާރަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވިއިރު ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެ އެވެ. އެގޮތުން ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ވަނުމަށް ގޮވާލާފައިވާއިރު ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުން މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ވެސް ބައެއް މެމްބަރުން ގޮވާލާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ