ކުށުގެ ރެކޯޑް ސާފުކުރަން ދާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އަންނަ ހޮނިހިރު ދުވަހު ވެސް އެ ހިދުމަތް ދޭ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ގާތްވަމުން އަންނަ އިރު ކުށުގެ ރެކޯޑް ސާފުކުރަންދާ މީހުންގެ އަދަދު އެތައް ގުނައަކަށް ވަނީ އިތުރުވެފަ އެވެ. އެހެންވެ، ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11 އިން ފެށިގެން ހަވީރު ފަހެއް ޖަހަން ދެން އެ ހިދުމަތް ދޭނެ ކަމަށް އެތަނުން ބުންޏެވެ.
އަންނަ ޖެނުއަރީ 18ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް ހުށަހަޅަން ޖެހޭއިރު، މި ރެކޯޑްތައް ސާފުކޮށްދެނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޑިޕާޓްމެންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސް އާއި ސުޕްރީމު ކޯޓާއި ހައި ކޯޓުންނާއި ކްރިމިނަލް ކޯޓުންނެވެ.
ކައުންސިލަރު ކަމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލުމާއެކު އެތައް ސަތޭކަ މީހުންނެއް މި ތަންތަނަށް ކުށުގެ ރެކޯޑް ސާފުކުރަން ދެ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުށުގެ ރެކޯޑް ސާފުކުރުމަށް މީގެ ކުރިން އާއްމު ގޮތެއްގައި އަންނަނީ ފަންސާހަކަށް މީހުން ނަމަވެސް މިހާރު އެ އަދަދު 400އާ ގާތްކުރާ ކަމަށެވެ. އަދި އޭގެ ތެރެއިން 85 ޕަސެންޓް މީހުންނަކީ ކައުންސިލަރު ކަމަށް ކުރިމަތިލާން އެދޭ މީހުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ކިއު ސިސްޓަމެއް ބަހައްޓައިގެން، މިކަން ޕްރޮފެޝަނަލް ކޮށް ކުރާ ބައެއް ނޫން. އާއްމު ގޮތެއްގައި މިކަން ކުރަން އަންނާނީ ވަރަށް މަދު ބައެއް. އެކަމަކު ކުއްލިއަކަށް މީހުން ގިނަވެ، މުޅިތަން ތޮއްޖެހިއްޖެ." އޭނާ ވިދާޅުވި އެވެ.
ކުށުގެ ރެކޯޑް ސާފު ކުރުމަށް ކްރިމިނަލް ކޯޓުން ނަމްބަރު ދޫކުރަނީ ހެނދުނު ނުވައަކުން މެންދުރު 12 އަށެވެ.
ހުރިހާ ކޯޓުތަކަކުން ސާފުކުރަން ޖެހޭ މައުލޫމާތު ކުރިން ސާފުކޮށްދެނީ ހަމައެކަނި ޖުޑީޝަލް އެޑްމިިނިސްޓްރޭޝަނުންނެވެ. އެކަމަކު އެކަމަށް ގިނަ ދުވަސް ނަގާތީ ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުން ސާފުކުރަން ޖެހޭ ރެކޯޑްތައް އެތަނުން ދޫކުރަން ފަށާފަ އެވެ.
އޮފިޝަލް ވިދާޅުވީ އެތަނުން ސާފުކުރަން ޖެހޭ މައުލޫމާތު މިހާރު އެއް ދުވަސްތެރޭގައި ސާފުކޮށް، ކުށުގެ ރެކޯޑް ދޫކުރާނެ ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ފަރާތްތަކުން ޖެހެނީ ކުށުގެ ރެކޯޑެއް ނޯންނަ ކަމަށް އިގުރާރެއްގައި ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާށެވެ. އެކަމަކު އިންތިހާބުގައި ކުރިމަތިލި ކެންޑިޑޭޓުންގެ މައްޗަށް އެކި ކުށްތައް ސާބިތުވެފައިވާތީ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ފަހު ކެންޑިޑޭޓުން އަމިއްލަ އަށް ހުށަހަޅާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
ކައުންސިލްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވަނީ ޑިސެމްބަރު އަށެއްގަ އެވެ.
ކްރިމިނަލް ކޯޓުން އަންނަ ހޮނިހިރު ދުވަހު ވެސް ކުށުގެ ރެކޯޑް ސާފުކޮށްދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ