ސުޕްރީމް ކޯޓުގެ ޙުކުމަކީ އަޅުގަނޑުމެންނަށް ލިބުނު މޮޅެއް – ޖާބިރު

ޕާޓީ ބަދަލުކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު މޮޅެއް ކަމަށް ރައީސް ނަޝީދުގެ މުޝީރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވަނިކޮށް ޖާބިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސުޕްރީމް ކޯޓުގެ ޙުކުމުން ބެކް-ފޫޓަށް ދިޔައީ ރައީސް ޔާމީން. މިއީ އަޅުގަނޑުމެންނަށް ލިބުނު މޮޅެއް." ކަމަށެވެ.
ޖާބިރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ "މަސީހް ބޭރު ވާނެ. ޤާނޫނުގެ ބަދަލުން ގައުމު ހަމަޔަކަށް އަޅުވާނަން." ކަމަށެވެ.
ސުޕްރީމް ކޯޓުން ކުރި ޙުކުމަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު މޮޅެއް ކަމަށް ޖާބިރު ވިދާޅުވިއިރު މިއަދު ސުޕްރީމް ކޯޓުން ޙުކުމް ކުރުމުގެ އިރުކޮޅެއް ކުރިން ޖާބިރު ކުރި ޓްވީޓެއްގައި ވިދާޅުވީ "ހުރިހާ ފަނޑިޔާރުންނާއި އެއާއިލާ ތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރު ކުރާނަން. ބިރު ނުގަނޭ. ގައުމު ހަމަޔަކަށް އަޅުވަން ސާބިތުވޭ."
މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމަށް ޖާބިރު ތައުރީފް ކުރެއްވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ޙުކުމަށް ފާޑުކިޔަމުންނެވެ.
ރައީސް މައުމޫން ވެސް ވިދާޅުވެފައި ވަނީ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށެވެ. ރައީސް ނަޝީދު ޙުކުމާއި ބެހޭ ގޮތުން ސީދާ އެއްޗެއް ވިދާޅުނުވި ނަމަވެސް އެމަނިކުފާނު ވަނީ ގޮނޑި ގެއްލިދާނެތީ ކަންބޮޑުނުވުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ