ހަވީރު ނޫސް ނެރުން ވަގުތީ ގޮތުން ހުއްޓާލަން ކޯޓުން އަމުުރުކޮށްފި

ހަވީރު ނޫހުގެ މިލްކުވެރިކަމާއި މެދު ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ގ. ކޮޮއްކިރި ފާޜޫޤް ހަސަނާއި ހ. މީރުބަހުރު އިބްރާހީމް ރަޝީދު  މޫސާގެ ބައިވެރިވުމެއް ނެތި ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް ސިވިިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. މިއަދު ކޯޓުން އެ އަމުރު ނެރެފައިވަނީ އެ މައްސަލައިގައި ދައުވާ ހުށައަޅާފައިވާ އިބްރާހިމް ރުޝްދީއާއި ފާރޫޤް ހަސަން އެފަދަ އަމުރެއް ނެރެދިނުމަށް އެދި ހުށައެޅުމުންނެެވެ.
އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެއަމުރު ނެރުނީ އެ މައްސަލާގައި ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް އޮތުމާއި މިހާރު ހަވީރު ހިންގާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން އެގޮތަށް އެދުނު މީހުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އަދި ފާރޫގު ހަސަނާއި އިބްރާހީމް ރަޝީދު މޫސާ އަކީ ވަގުތީ އަމުރަށް އެދުުމުގެ ސިފަ ލިބިގެންވާ ދެމީހުން ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.
ހަވީރު ނޫސް އެޖެންސީގައި ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އިތުރުން ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގޭ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާކަމަށް ހައި ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައިވެއެވެ.
ހައި ކޯޓުން އެ ގޮތަށް ހުކުމް ކޮށްފައި ވަނީ ހަވީރަކީ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަމިލަ ހިއްސާ އޮންނަ އެޖެންސީއެއް ކަމަށް ސިވިލް ކޯޓުން އޭރު ކުރި ހުކުމް ބާތިލު ކުރުމަށް ފަހުއެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ބުނެފައި ވަނީ "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓުގައި ފާރޫގާއި ރަޝީދުގެ 25 ޕަސެންޓް ހިއްސާ އޮތްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.
ހައިކޯޓުގެ އެއްވެސް އަޑުއެހުމެއްގައި ތިން ފަރާތުން ސޮއިކޮށް އެއްބަސްވެފައިވާ، އޭޖެންސީގެ ރަޖިސްޓްރީ ހުށަހަޅާފައި ނުވި ނަމަވެސް، ނޫސް ހިންގުމާ ބެހޭ ގޮތުން މުހައްމަދު ނައީމް އާއި ފާރޫގާއި ރަޝީދު އަދި ޒާހިރުގެ ނަމުގައި، ހަވީރު ނިއުސް އެޖެންސީ އުފަައްދަން ކޮށްފައިވާ އެއްބަސްވުމަކީ އެ އެޖެންސީ ރަޖިސްޓްރީވެ ހިނގުންކަމަށް ހައި ކޯޓުން އޭރު ވަނީ ކަނޑައަޅާފައެވެ.
1 އޭޕްރީލް 1983 ވަނަ އަހަރު އެކުލަވާލި މި އެއްބަސްވުމުގައި ވާގޮތުން، ހަވީރު ނޫސް އެޖެންސީގެ މުދަލާއި އެތަނަށް ލިބޭ ފައިދާ ބަހަންޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައަކުންނެވެ.
ނަމަވެސް، އެހާހިސާބަށް ނޫސް އޭޖެންސީ ހިންގައިގެން ޒާހިރު ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް ފައިދާ ލިބިފައި ނުވާކަމަށާއި، ޑރ.ޒާހިރު އަމިއްލައަށް ކުންފުނި ހިންގީ ވެވުނު އެއްބަސްވުމާއި ޚިލާފަށް ކަމަށް އެ ހުކުމްގައި ވެއެވެ.
އަދި ހަވީރު ނިއުސް އެޖެންސީ ހިންގުމަށް ހަތަރު ބޭފުޅުންގެ މެދުގައި އެއްބަސްވުމެއް ހަދައި އަމަލު ކުރަން ފެށުނު ހިސާބުން ފެށިގެން، މިއަދާ ހަމައަށް ވެސް ފައުންޑާ މެންބަރުންގެ ހިއްސާ އޮއްނާނެ ކަމަށް ކަނޑައަޅައި، މިހާތަނަށް ހަވީރަށް ލިބިފައިވާ ފައިދާގެ ތެރެއިން ފާރޫގު އަދި ރަޝީދަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ހައި ކޯޓުން އޭރު ކުރި ހުކުމުގައި ވެއެވެ.
މިހާރު ހަވީރު ނިއުސް އޭޖެންސީ އުވާލާފައި ވީނަމަވެސް، ހައި ކޯޓުން އޭރު ކުރި ހުކުމްގައި ވަނީ 1 އޭޕްރީލް 1983 ވަނަ އަހަރު އެކުލަވާލި އެއްބަސްވުން އަދި ވެސް ދެމި އޮތް ކަމަށާއި އެއް އެއްބަސްވުމަކީ ސައްހައެއްޗެއް ކަމަށެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ހުކުމް ހަވީރު އޮންލައިންނަށް ރައްދު ނުވާތީ އެ އޮންލައިންގެ މަސައްކަތްތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ދާނެކަމަށް އެ އޮންލައިން އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ