އަބްދުﷲ ގާޒީ ހައްޔަރުކުރި ކަމަށް ނަޝީދު ވަނީ އިއުތިރާފުވެވަޑައިގެންފައި – ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި ކަމަށް ރައީސް ނަޝީދު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ "ދަ ހިލް" އަށް ލިޔުއްވި ލިޔުމެއްގައި ދުންޔާ ވިދާޅުވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާއި، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ފާޅު ކުރައްވާފައިވާ ކަންބޮޑުވުންތަކާ މެދު ދިވެހި ސަރުކާރުން ސުވާލު ނުއުފައްދާ ކަމަށެވެ.
"ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިއެއް ހައްޔަރުން ދޫކޮށްލުމުގެ ސަބަބުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރުމަށް އަމުރު ކުރެއްވި ކަމަށް ނަޝީދު އެއްބަސްވެވަޑައިގެންނެވި. ނިއު ޔޯކް ޓައިމްސްއަށް ލިޔުއްވި ލިޔުއްވުމެއްގައާއި، ބީބީސީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެކަމަށް އިއުތިރާފުވެވަޑައިގެންނެވި،" ދުންޔާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި މިދިޔަ އަހަރު ވަނީ، ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ކޮށް 13 އަހަރު ދުވަހަށް ޖަލަށް ލާފައެވެ. ނަމަވެސް އެ ޝަރީއަތުގައި ބައެއް އިޖުރާތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ނަޝީދުގެ ވަކީލުންގެ އިތުރުން ދުނިޔޭގެ ބައެއް ޖަމިއްޔާތަކުންވެސް ދަނީ ބުނަމުންނެވެ.
ބޭރުގެ ބައެއް ނޫސްތަކުން އެ ކަންތައް ރިޕޯޓު ކުރަމުން ދަނީ ގޯސްކޮށް ކަމަށް ދުންޔާ ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދަށް ތާއީދުކޮށް ދިވެހި ސަރުކާރާ މެދު އެމެރިކާ ސެނެޓުގެ ގަރާރާއި އިނގިރޭސި ސަރުކާރުގެ ބަޔާން އެހާ އެއްގޮތް ވެފައި ސުވާލު އުފައްދަމުން ދަނީ މައުލޫމާތު ރަނގަޅަށް ނުލިބޭތީ ކަމަށް ދުންޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ