އަފްރާޝީމްގެ މަރާއި ރައީސް ޔާމިނާ ގުޅުވައިގެން ދެކެވޭ ވާހަކަތައް މައުމޫން ދޮގު ކުރައްވައިފި

ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅުވައިގެން ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކާއި ދައްކާ ވާހަކަތަކާއި ދެކޮޅަށް އަބުރުގެ ދައުވާކުރަންޖެހޭނެ ކަމުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫންގެ ކެމްޕޭނަށް މ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާއި ރައީސް ޔާމިނާ ގުޅުވައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަބުރުގެ ދައުވާ ރައީސް ޔާމިން ކުރައްވަން ވާނެ ކަމަށާއި އެއީ އެމަނިކުފާނަށް އޮތް އިހްތިޔާރެއް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަފްރާޝީމްގެ މަރާއި ރައީސް ޔާމިނާ ގުޅުވައިގެން ދައްކާ ވާހަކަތައް މީގެ ކުރިން ޕީޕީއެމްއިންވެސް ކުށްވެރިކޮށްފައިވާނެ ކަމަށެވެ.
"އެ ވަރުގެ ވާހަކައެއް ދެއްކެވިގެން ނުވާނެ. އެއީ މީހެއްގެ އަބުރާ ބެހޭ ގޮތުން ވަރަށް ހުތުރު ވާހަކައެއް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރި ކުރާ ވާހަކައެއް،" ރައީސް ޔާމިން ބޮޑުބޭބެ ވިދާޅުވާ މައުމޫނު ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރާއި ރައީސް ޔާމިނާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ރައީސް ޔާމިން ވާހަކަ ނުދައްކަވަނީ އެ މަނިކުފާނާ ގުޅޭ ގޮތުން ދައްކަވާ ހުރިހާ ވާހަކަތަކަށް ޖަވާބު ދެއްވުމަށްފަހު އެހެންކަމެއް ކުރަން ވަގުތު ލިބިވަޑައިނުގަންނަވާނެތީ ކަމުގައިވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފާރިޝްގެ ކެމްޕޭނަށް ރައީސް ޔާމިން އަދި މ. އަތޮޅަށް ވަޑައިނުގެންނެވި ނަމަވެސް ރައީސް ޔާމިންގެ ތާއީދު ފާރިޝްއަށް އޮންނާނެ ކަމަށެވެ. އަދި އެދަތުރުގައި ބައިވެރިވުމަކީ ރައީސް ޔާމިން އަމިއްލަފުޅަށް ނިންމަވާނެ ކަމެއްކަމުގައިވެސް ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރާއި ރައީސް ޔާމިނާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ރައީސް މައުމޫން މިއަދު ދޮގުކުރެއްވި ނަމަވެސް ސިޔާސީ ފަރާތްތަކުން އަބަދުވެސް އެ ވާހަކަތައް ދައްކަވަ އެވެ. މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިދިޔަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވުނު ޕްރައިމަރީގެ ތެރޭގައިވެސް އެމައްސަލައާއި ރައީސް ޔާމިނާއި ގުޅުމެއްވާ ކަމަށް ދެކެވޭ ފަދަ ގޮތަކަށް ބައެއް ވާހަކަތައް ދެއްކެވި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ދައުލަތުން އުފުލި ދައުވާ ސާބިތުވުމާއި ގުޅިގެން މެެރުމަށް ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސައިން ހުމާމް ދާދި ފަހުން ހައިކޯޓުގައި ބުނީ އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާގެ ކަންކަން އެންމެ ބޮޑަށް އިނގޭނީ ރައީސް ޔާމީނަށާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ކަމަށެވެ. ނަމަވެސް އަދީބް ވަނީ އެ ވާހަކަތަށް ދޮގުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ