އަނބިމީހާގެ ސިފަ ރީތިކަންމަތީގަ ބަހައްޓަން އެހީތެރިވެނުދީ ހުރެފަ ސިފަ ހުތުރުވެގެން ވަރިކުރުމަކީ އިންޞާފެއް ނޫން! އެފަދަ މީހަކާ ދެވަނަ ފަހަރު ގުޅެން ހެޔޮނުވާނެ!

ފިރިހެނުންވެސް އަދި އަންހެނުންވެސް އަބަދު ތިބޭނީ އެއްގޮތަކަށް ނޫނެވެ. ހަށިގަނޑުގެ ސިފައަށް ބަދަލުތައް އަންނާނެއެވެ. އަންހެނުންނަށް އެމައްސަލަ ބޮޑުވާނެއެވެ. ޚާއްޞަކޮށް ވިހެއުމާއި ގުޅިގެން ބޮޑެތި ބަދަލުތައް އަންނާތީއެވެ. އަދި ވިހެއި ނަމަވެސް ބަލިވެ އިނުމުން އަންނަ ބަދަލުތައް ނެތިގެންދާންވެސް ދުވަސްތަކެއް ނަގާތީއެވެ.  
ޖިމަށާއި ތަންތަނަށް ގޮސް ކަސްރަތުކުރާ އަންހެނުންވެސް ވަރަށް ގިނައެވެ. ނަމަވެސް ތަފާތު މައްސަލަތައް ކުރިމަތިވެ ނުދެވޭ އަންހެނުންވެސް ތިބޭނެއެވެ. ޚާއްޞަކޮށް ދެމަފިރިން އެކަނި ދިރިއުޅޭނަމަ ދަރިފުޅު އެކަނި ބާއްވާފައި ނުދެވޭނެ އަންހެނުންވެސް ގިނަވާނެއެވެ. މިޙާލަތުގައި ދެވޭނީ ފިރިމީހާ އެކަމަށް އެހީތެރިވެދީގެންނެވެ.  
ގިނަ ފަހަރު މައްސަލައަކަށް ދިމާވާ ކަމަކީ އެޙާލަތުގައި އަނބިމީހާއަށް އެހީތެރިނުވެ ހުރެފައި އަނބިމީހާގެ ސިފަކަމުނދާންފަށާކަމެވެ. ވަކިހިސާބަކުން ވަރިވެސްކުރާކަމެވެ. ނިކަމެތިކަމާއިއެކު އެކަނިވެރިކޮށް ނިކަމެތިކޮށްލާކަމެވެ.  
މިކަމުގެ ވާހަކަތައް ކިޔުންތެރިންގެ ފަރާތުން ލިބެމުންއަންނާތީ މިގެނެސްދެނީ އެފަދަ ކިޔުންތެރިންނަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  
"ކައިވެނިކުރިއިރު އަޅުގަނޑުގެ ބުރަދަނަކީ 40 ކިލޯއެވެ. 4 ދަރިން ލިބުނުއިރު ބުރަދަނުގައި 50 ކިލޯ ހުއްޓެވެ. އެހިސާބުން ފިރިމީހާއަކަށް އަޅުގަނޑު ކަމަކު ނުދިއައެވެ. ވަރިކޮށްފައި ދަރިންކޮޅާއިއެކު އެއްލައިލީ އެގޮތަށް އެކަން ނުކުރަން އެދި އާދޭސްކުރަމުން ދަނިކޮށެވެ.  
އަޅުގަނޑުގެ ދެވަނަ ފިރިމީހާއަށްވެސް އަޅުގަނޑުގެ ބުރަދަން އެހައި ކަމަކު ނުދިއައެވެ. ނަމަވެސް އޭނާ ޝަކުވާއެއް ނުކުރެއެވެ. ގޭގައި ހުރެގެން ކަސްރަތުކުރެވޭނެ ގޮތް ހަދައިދިނެވެ. ފަތިހު އަޅުގަނޑުގޮވައިގެން ހިނގަންދެއެވެ. މިހާރު އަޅުގަނޑުގެ ބުރަދަނަކީ 37 ކިލޯއެވެ.  
ކުރީގެ ފިރިމީހާ މިހާރު އުޅެނީ އަޅުގަނޑު މާރީތިވެގެންނެވެ. ދަރިންނަށްޓަކައި އަލުން ކައިވެނިކުރުން އެދި އާދޭސްކުރަމުން ފަހަތުން ހިނގަނީއެވެ. މިހާރުގެ ފިރިމީހާ މަގުމަތިން ފެނުނަސް އެއްޗެތިވެސް ގޮވަނީއެވެ.  
އަޅުގަނޑު މިއުޅެނީ ސުވާލެއްކުރާކަށް ނޫނެވެ. މިއަދުނޫސް މެދުވެރިކޮށް ކުރީގެ ފިރިމީހާއަށާއި އެފަދަ އެހެން ފިރިންނަށްވެސް މެސެޖެއް ދޭށެވެ. އެމެސެޖަކީ އެއްވެސް މީހަކީ އަބަދުއ އެއްގޮތަކަށް ހުންނާނެ މީހެއް ނޫނެވެ. ބަލިވުމުން ފަރުވާކުރަންޖެހޭ ފަދައިން ކަސްރަތުކުރަންވެސް ޖެހެއެވެ. އެކަންކަން ކުރަން ފުރުޞަތުނުދީ، ވަޤުތުނުދީ، މަގުފަހިކޮށްނުދީ ތިބެފައި އަނބިންގެ ސިފަ ހުތުރުވެއްޖެކަމަށް ބުނެ އަނިޔާވެރިވާ ފިރިންނަކީ ވަރަށް ނުބައި ބައެކެވެ. އެއްވެސް އިންޞާފެއްވެސް ހުރިބައެއް ނޫނެވެ.  
އެކުވެރިކަނބަލުންނަށް ބުނެލަން އޮތީ މިފަދައިން ކަންކަންކުރާ ފިރިންނާއި އަލުން ނުގުޅޭނެކަމަށް ބުނުމުން ދުނިޔެއިން އެމީހަކު މޮޔަވިނަމަވެސް ހަމްދަރުދީނުވާށެވެ! ހަމްދަރުދީވެއްޖެނަމަ ދެން ދޭނެ އަނިޔާ މާބޮޑުވާނެއެވެ."  
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކަކޮޅެކެވެ. ކިޔުންތެރިޔާއަށް ހަދިޔާއެއްގެ ގޮތުން މިގެނެސްދެނީ ހަމަ ތިއަފަދަ ޙާދިށާއެއްގެ ޢިބްރަތްތެރި ފިލާވަޅެކެވެ.  
ދަރިފުޅުގެ ގްރެޖްއޭޝަން ސެރެމަނީއަށް ގޮސްއިން ފިރިހެނަކު އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. އޭނާއަށް ވަގުތުން ޞިއްޙީ ފުރަތަމަ ފަރުވާ ދިނުމުން ހޭއަރައި އޭނާއަށްވީ ގޮތް ޒީރޯ ޓޮލަރަންސް ނިޔުސްއަށް ވަނީ ކިޔައިދީފައެވެ.  
އޭނާ ބުނީ މީގެ 3 އަހަރުކުރިން އޭނާގެ އަނބިމީހާ ރޮއި އާދޭސްކުރަމުންދަނިކޮށް އަޑުނާހައި އަނބިމިހާ ވަރިކޮށްލާފައި ގެއިން ނުކުމެގެން ދިއައީ އނބިމީހާ ފަލަވެ ސިފަ ހަޑިވުމުން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް އޭނާ ބޭނުންވަނީ ލޫޅާފަތި ބަނިޔާދަން ސިފަރީތި އަނހެނުން ކަމަށެވެ.  
އޭނާ ބުނީ ކައިވެނިކޮށްގެން ދަރިން ލިބެން ފެށިއިރު އޭނާ ބޭނުންވާ ސިފަތައް އަނބިމީހާގެ ހުރިކަމަށާއި ފަހުން ފަލަވެ ސިފަ ހުތުރުވީކަމަށެވެ. އަދި އަނބިމީހާ ގާތު ހިކި އަލުން ރީތިވާން ބުނެބުނެވެސް އެކަން ނުކުރީކަމަށެވެ.  
"ވަރިކުރިފަހުން ފުރަތަމަ ފަހަރަށް އަނބިމީހާ މިފެނުނީ. މިހާރު ހީވަނީ ފުރަތަމަ ކައިވެނިކުރިއިރަށްވުރެވެސް މާރީތިހެން. އޭނާއަށް އެހެން މީހަކާއެކުގައި ދިރިއުޅެވިގެން ނުވާނެ! އަހަރެންމިއީ 3 ދަރިންގެ ބައްޕަ! އޭނާ ލިބެން ޖެހޭނީ އަހަރެންނަށް" ކަމަށް އޭނާ ބުނެފައިވެއެވެ.  
ޒީރޯ ޓޮލަރަންސް ނިޔުސްގެ ފަރާތުން އަންހެން މީހާގެ ބަހެއްވެސް ހޯދައިލީމެވެ. އޭނާ ބުނަނީ--- 
"އަހަރެން ފަލަވެ ސިފަ ހުތުރުވީ ދަރިން ބެލުމުގެ މަސައްކަތުގައި ފިރިމީހާ އެހީތެރިނުވުމުން. ދަރިން ބަލަމުން ކަސްރަތު ކުރާނެ ވަގުތު ނުލިބޭތީ. ތަނަކަށް ދިއަނަމަވެސް ފިރިމީހާ ބަލާނީ ހިކި، ސިފަ ރީތި އަންހެނުންނަށް. ބުނާނެ ނިކަން ހިކިބަލާށޭ! ރީތިވެބަލާށޭ! އެކަމަކު އަހަރެންނަށް ވަގުތު ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރޭ!  
3 ދަރިން ލިބުނުފަހުން ވަރިނުކުރުން އެދި ރޮއި ދެފައިގަ ހިފާފަ އާދޭސްކުރަމުން ދަނިކޮށް ވަރިކޮށް އެއްލާލާފަ ނުކުމެގެން ދިއައީ. އެއިގެ 1 އަހަރުފަހުން ދެވަނަ ކައިވެނިކުރީ. އެއިރު އަހަރެންގެ ބަރުދަނުގެ 100 ކިލޯހުރި. އެބަރުދަން އުފުލަން އެއްބަސވި މީހަކާ ކައިވެނިކުރީ. އޭނާ ގެއަށް ނޯކަރަކު ގެނެސްދީ އަހަރެންނަށް ވަގުތު ހުސްކޮށްދިން. އެހެންވެ ސިފަ ބަދަލުކޮށްލެވުނީ"  
"އެނާ އެބަބުނޭ! ތިއައީ އޭނާގެ 3 ދަރިންގެ މަންމައޭ. އެހެން މީހަކާ އިނދެގެން އުޅެވިގެން ނުވާނެއޭ. ލިބެންޖެހޭނީ އޭނާއަށޭ.! ކޮބައިތޯ މިކަމުގެ ޔިއަފަރާތުގެ ބަހަކީ؟" ސުވާލުކުރުމުން އަންހެން މީހާ ބުނީ "3 ދަރިންގެ ބައްޕަ 3 ދަރިންނާ 3 ދަރިންގެ މަންމަ އެހައިވަރަށް ހިތުގަ ޖައްސުވައި ރޮއްވީމަ 3 ދަރިންގެ ބައްޕައަށް ޙައްޤުވާނީ އަދަބު. އޭނާ ލާންޖެހޭނީ ޖަލަށް! ވައްދަންޖެހޭނީ އަހަރެންގެ ގެއަކަށް ނޫން.!" ކަމަށެވެ. 
3 ދަރިންގެ ބައްޕަ އަށް ދޭން ބެލުންތެރިންނަށް ފެންނަ އަދަބު ޚަބަރު ބެއްލެވުމަށްފަހު މެސެޖުކޮށްލައްވާ!  
ޒީރޯ ޓޮލަރެންސުން ނިޔުސްގެ މިރޭގެ 9ގަޑީގެ ޚަބަރު މިގެނެސްދިނީ ތިއަބޭފުޅުންގެ އެނައުންސަރު ޒީނާ- ބާއްޖަވެރި އުފާވެރި ރެއަކަށް އެދެން. ފަތިސް ނަމާދަށް ހޭލަން ގަދިސޯނާކުރަން ހަނދުމަކުރައްވާތި! ނިދުމުގެކުރިން އަދަބު މެސެޖްކޮށްލައްވަން ހަނދުމަކުރައްވާތި.! ވައްސަލާމް ޢަލައިކުމް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ