ރޯދަމަހު މާޅޮހު ގެތަކުގެ ކަރަންޓް ބިލްގެ 50 ޕަސަންޓް ކައުންސިލުން ދައްކައިދެނީ

އއ. މާޅޮހުގެ ގޭބިސީތަކުގެ ރަމަޟާން މަހުގެ ކަރަންޓް ބިލްގެ 50 ޕަސަންޓް ކައުންސިލް އިދާރާއިން ދައްކައިދޭން ނިންމައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވީ ރޯދަ މަހުގެ ކަރަންޓް ބިލްގެ 50 ޕަސަންޓް ދައްކަައިދޭން މިއަދު ބޭއްވުނު ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.
އިސްމާއިލް ވިދާޅުވީ ކަރަންޓް ބިލް ދައްކާނީ ކައުންސިލްގެ މާލިއްޔާއިން ކަމަށެވެ. މާޅޮހު ގޭގެ ރޯދަ މަހުގެ ކަރަންޓް ބިލްގެ 50 ޕަސަންޓް ދައްކައިދޭން ކައުންސިލުން ނިންމީ ރޯދަ މަހަކީ އާންމުކޮށް ހުރިހާ ގެއަކުވެސް ހަރަދު ބޮޑު މަހަކަށް ވެފައި އަދި ކަރަންޓް ބިލްވެސް ބޮޑުވާ މަހަކަށްވާތީ ރައްޔިތުންނަށް ބޮޑެތި ހަރަދުތަކެއް ކުރަން މަޖުބޫރުވެފައިވާތީ އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
އިސްމާއިލް ވިދާޅުވީ އާންމު މަސްތަކުގައި އެރަށުގެ ގެއެއްގެ ކަރަންޓް ބިލަށް މިހާރު 1500 ރުފިޔާ ވަރު އަރާ ކަމަށެވެ. އެހެންކަމުން ރޯދަ މަހު އާންމުކޮށް ގިނަ ގޭގެ ކަރަންޓް ބިލަށް 3000 ރުފިޔާ ވަރު އަރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އއ. މާޅޮހަށް ކަރަންޓް ދެނީ ސްޓެލްކޯއިން ކަަމަށްވާތީ މިކަމުގައި ކައުންސިލާއި ސްޓެލްކޯއާއި ދެމެދު މަޝްވަރާކުރާނެ ކަމަށްވެސް އިސްމާއިލް ނަސީރު ވިދާޅުވި އެވެ.
އއ. މާޅޮހުގެ އާބާދީގައި 710 މީހުން ހިމެނޭއިރު އެރަށުގެ ގޭބިސީގެ އަދަދަކީ 81 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ