މޫސުން އަދިވެސް ގޯސް، ސަމާލުވުމަށް ދަނީ އިލްތިމާސްކުރަމުން

މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް އަންގާފައިވާތީވެ، ކަނޑުދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓް، މުވާސަލާތީ ސާމާނު، ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ބަލާ ފާސް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމުގެ އިތުރުން ރަގަނޅަށް ލައިސަން ލެވިފަތޯ ޗެކް ކުރުމަށް އަންގާކަމަށެވެ.
އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަދާއި މިރޭވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއިބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ކަނޑުތަށް އާއްމުގޮތެއްގައި ގަދަވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ