ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުންގެ ފަރާތުން ކޯލިޝަން ހެދުމަށް އައިސްފައިވާ ހުށަހެޅުންތައް ޖުމްހޫރީ ޕާޓީގެ ގައުމީ މަޖިލީހަށް ގެންގޮސް، މަޝްވަރާކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ގާސިމްގެ ގެކޮޅުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އިންތިހާބުގައި ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ގާސިމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އަދި މިއަދު ރައީސް ވަހީދު ވެސް ގާސިމާ ބައްދަލުކުރައްވައި ގައުމުގެ ކަންކަން ދިވެހިންގެ މަސްލަހަތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ވެސް އަޅުގަނޑުގެ ގެއަށް ވަޑައިގެންނެވި. ރޭގައި ވެސް ވަޑައިގަންނަވަން ވިދާޅުވި. ރޭގައި އެމަނިކުފާނު (ރައީސް ނަޝީދު) ފޮނުއްވެވި މަންދޫބަކު ވެސް އަޅުގަނޑާ ބައްދަލުކުރި. އަދި މިއަދު ރައީސް ވަހީދު ވެސް އަޅުގަނޑާ ވާހަކަފުޅު ދައްކަވަމުން ގެންދެވި. ވިދާޅުވީ ތިމަންނަ އެދިވަޑައިގަންނަ ވަނީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް މިކަން ނިމިގެންދިޔުމޭ. ހަމަ އެހެންމެ މިއަދު ރައީސް މައުމޫން. ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ މިވަޑައިގަތީ." ގާސިމް ވިދާޅުވި އެވެ.
ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ބޭނުންވެގެން އެމްޑީޕީ އަދި ޕީޕީއެމް އިން ވެސް މަސައްކަތްކުރަމުން ދަނިކޮށް، ޖުމްހޫރީ ޕާޓީ އިން ނިންމާފައި ވަނީ ދެވަނަ ބުރުގައި ވަކި ކޮޅަކަށް ނުޖެހުމަށެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ގާސިމް ވިދާޅުވީ އެގޮތަށް ނިންމެވީ ކޯލިޝަން ހަދައިގެން އެހެން ބަޔަކު ވެރިކަމަށް ގެނައުމުން ކުރެވިފައިވާ ތަޖުރިބާ އަށް ބެލުމަށް ފަހުގައި ކަމަށެވެ.
އެކަމަށް އިޝާރާތް ކުރެއްވުމަށް ފަހު، ގާސިމް ވިދާޅުވީ ގައުމީ މަސްލަހަތަށް ވިސްނައި ކުރިއަށް ދިއުމަށް ހުރިހާ ފަރާތްތަކުން ވެސް އެދިވަޑައިގެންފައި ވާތީވެ، އެ މައްސަލަ ޖޭޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމެވީ ކަމަށެވެ.
"އަޅުގަނޑު މިހާތަނަށް ޕާޓީގެ ތެރެއިން ނިންމާފައި ނިއުޓްރަލްކޮށް (ވަކި ކޮޅަކަށް ނުޖެހި ހުންނަން) ނިންމީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ. ނަމަވެސް ހަގީގަތަކީ މިތިން ބޭފުޅުން (ރައީސް ވަހީދު، ރައީސް ނަޝީދު، ރައީސް މައުމޫން) ވެސް މިގޮތަށް އެދިވަޑައިގަތީމާ ޕާޓީގެ ގައުމީ މަޖިލީހަށް މިމައްސަލަ އަނެއްކާ ވެސް ގެންދިއުމަށް އަޅުގަނޑު ނިންމައިފިން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމީ މަޖިލީހުގައި ގޮތެއް ނިންމާނީ އެމްޑީޕީ އަދި ޕީޕީއެމް އިން ހުށަހަޅާ ޕްރޮޕޯޒަލްތަކަކަށް ބެލުމަށް ފަހު، މަޝްވަރާކޮށްގެން ކަމަށެވެ.
ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ މައްސަލަ އަނބުރާ ކައުންސިލަށް ގެންދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ