ލީޑަރުންގެ އެއްބަސްވުމެއް އޮތް، އެކަމަށް އިންކާރެއް ނުކުރެވެނެ: ރައީސް މައުމޫން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހަތަރު ޕާޓީގެ ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އޮތް ކަމަށާއި އެކަމަށް އިންކާރު ނުކުރެވޭނެ ކަަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. "މާއްދާ 4" ކެމްޕެއިން ލޯންޗު ކުރަން މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ހަތަރު ޕާޓީގެ މެދުގައި ކުރިންވެސް އެއްބަސްވެފައިވާ ގޮތަށް މަޖިލީސް އިންތިހާބަށް ގޮނޑިތައް ބަހާލައިގެން ކުރިއަށް ގެންދިޔަނަމަ ވަރަށް ރަނގަޅުވީސް ކަމަށެވެ. އަދި އޭގެ ބަދަލުގައި ހަތަރު ޕާޓީން ގޮނޑިތަކަށް ވާދަ ކުރަން ޖެހިއްޖެނަމަ ވޯޓުތައް ބައިބައިވެ ކުރިމަތިލާ ދާއިރާ ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެއާ ހިލާފަށް ކުރިންވެސް އަޅުގަނޑުމެން ކުރިންވެސް އެއްބަސްވެފައިވާ ގޮތަށް، ކުރިން މިއޮތީ ހަތަރު ޕާޓީގެ މެދުގައި އެއްބަސްވެވިފައި. އެކަން އެއީ އިންކާރު ކުރެވޭނެ ހަގީގަތެއް ނޫން. އަޅުގަނޑުމެން އޮތީ އެއްބަސްވެފައި އެމްޑީޕީއަށް 35، ޖުމްހޫރީއަށް 22، އަޅުގަނޑުމެން [އެމްއާރުއެމް] އަށް 17، އަދި އަދާލަތު ޕާޓީއަށް 12، އެކަހަަލަ ގޮތަކަށް އޮތީ އެއްބަސްވެފައި." މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރިނަމަ ވަރަށް ބޮޑަށް ފަސޭހަ ވެގެން ދިޔައީސް ކަމަށާއި އެއިރުން އެއް ދާއިރާއަަކަށް އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަން ނުޖެހޭނެ ކަމަށެވެ. "އެ ވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތް. އެގޮތަކަށް އަޅުގަނޑުމެންނަކަށް އަމަލެއް ނުކުރެވުނު. އެހެން ނަމަވެސް ދެން އެހާލަތަށް އައިމަ އަޅުގަނޑުމެން ދެން އެބަޖެހޭ ކުރިއަށް އޮތް ތާނގައިވެސް ނޭދެވޭ ކަންތައްތައް އިސްލާހުކޮށްގެން އެންމެން އެކީގަ މަސައްކަތް ކުރުމުގެ އަހުލާގު އަޅުގަނޑުމެންގެ ގައިގައި އަށަގަންނަވަން،" މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ