މައުމޫނު، ގާސިމް އަދި އިމްރާނުގެ ނާކާމިޔާބުން ލިބޭ ފިލާވަޅު!

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫނާއި ޤާސިމް އިބްރާހިމް އަދި އިމްރާން އަބްދުﷲގެ ތާއީދުގައި މަޖިލީހަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ސަބަބުތަކަށް ބަލައިލުމަކީ ރާއްޖޭގެ ސިޔާސީ ކުރިމަގަށް ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.
ރައީސް މައުމޫނުގެ ސިޔާސީ ބުރަދަން
މިއަދުވެސް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކެނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތީ ދެ ފިކުރުކަމުގައެވެ. އެއީ ރައީސް މައުމޫނު އަދި ރައީސް ނަޝީދުގެ ފިކުރެވެ. އެހެންނަމަވެސް، ރައީސް މައުމޫނު އަރިހުގައި ސާބިތުވެ ތިބުމުގެ ބަދަލުގައި ގިނަ ފަހަރަށް ރައީސް މައުމޫނުގެ އިސް ލީޑަޝިޕް ވަނީ ވަކިވެ ބައިބައިވެފަ އެވެ. މިއީ ވަރަށް ދިގު ތާރީޚެއް އޮތް ވާހަކައެކެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ދައުރުގައި "ޒުވާން ކެބިނެޓެއް" ރިފޯމް އެޖެންޑާއެއްގެ ގޮތުގައި ތަޢާރަފްކުރެވުނެވެ. ނިއު މޯލްޑިވްސް އަދި އެހެނިހެން ނަންނަމުގައި ބައިވެރިވި ބޭފުޅުން ރައީސް މައުމޫނު ދޫކޮށް، ރައީސް މައުމޫނާއި އިދިކޮޅަށް ސިޔާސީ ޙަރަކާތް ހިންގަން ފެށި އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ ރައީސް މައުމޫނުގެ ސިޔާސީ ދަންމަރު ޑީއާރްޕީގެ ނައިބުންނާއި މިފަދަ ބޮޑު މަގާމުތަކުގައި ރައީސް މައުމޫނުގެ ލެގަސީ ފުރޮޅިގެން، ކުރިއަށް ގެންދަން ތިބި މީހުންގެ ގޮތުގައި ސިފަވި މީހުންނެވެ. އަޅުގަނޑަށް ގަބޫލު ކުރެވެނީ، ނިއު މޯލްޑިވްސް، ޖުމްހޫރީ ޕާޓީ، އަދި ސަން ސިޔާމު ޕާޓީ އުފައްދައި، މައުމޫނު "އިޒް ފިނިޝްޑް" ކަމުގައި ދުށްކަމީ އެޅުނު ސިޔާސީ ޅައެއްޗެކެވެ. ސުވާލަކީ އެދުވަހު ވަކިވި މީހުންގެ ސިޔާސީ ބުރަދަން މިއަދު އޮތީ ވަކި ސަހަލު ގޮތަކަށް ބާވަ އެވެ.
ދެވަނަ ހިތްވަރަކާއިގެން، ތަސްމީނަށްފަހު ޑީއާރްޕީ ދޫކޮށް ޕީޕީއެމް ވުޖޫދުކޮށް ސިޔާސީ ކުރިމަގު ބައްޓަން ކުރުންވެގެން ދިޔައީ، ރައީސް ޔާމީންގެ ޕީއޭގެ އަތްދަށުވާން ރައީސް މައުމޫނަށް ޖެހުނު ފަަހަރެއްކަމުގައި ދެންނެވިދާނެ އެވެ. ޕީއޭގެ ޖެނެރޭޝަން އެކްސްގެ ގޮތުގައި އަދީބުގެ ޗާލާކީކަމާއި މެޑަމް ފާތުންގެ ވަކި އޮފީހަކުން ހިންގަން ފެށި ސިޔާސީ އެޖެންޑާގެ ނަތީޖާއަކަށްވީ، އަނެއްކާވެސް ރައީސް މައުމޫނުގެ ޕާޓީގެ އެންމެ އިސް މަގާމުތަކާއި، އެންމެ އެތެރެއިން ރެނދުލައި ފަޅައިގެން ދިއުމެވެ.
ރައީސް މައުމޫނުގެ ހަގީގީ ސިޔާސީ ކޮލިޓީ އެނގުނީ ޖަލަށްލުމުންނެވެ. ގިނަ ސިޔާސީ ލީޑަރުން "މެޑިކަލް ކާޑު"ގައި ބޭސްފަރުވުގެ ނަމުގައި ރާއްޖެ ދޫކުރެއްވީ އެވެ. ރައީސް މައުމޫނު ތަފާތެވެ. ޖަލުން ނުކުމެވަޑައިގަތީ ކެތްތެރިކަމާއެކު އިތުރަށް ވަރުގަދަ ވެގެންނެވެ. "މައުމޫނު ރިފޯމް"ގެ ނަމުގައި ފެއްޓެވި އިސްލާހީ ހަރަކާތް (ތިންވަނަ ފަހަރަށް) އައު ސިޔާސީ ޕާޓީއަކަށް އަލިވިލެން ތައްޔާރުވެފައިވަނީ، ހުރިހާ ގޮންޖެހުންތަކެއްގެ ނަތީޖާއާއެކު އެވެ. ސިޔާސީ މިސަކަރާތުގައި ރައްޔިތުންގެ މަޖީހަށް ކުއްލި ގޮތަކަށް ކެންޑިޑޭޓުން ނެރުން ވެގެން ދިޔައީ ބޮޑު ނާކާމިޔާބީއަކަށެވެ. މިދަނޑިވަޅުގައި ފާރިސް މައުމޫނު މަޖިލީހަށް އިންތިޚާބުނުވެ ހުންނަން ޖެހުން އެއީ، ރައީސް މައުމޫނުގެ ސިޔާސީ ދަންމަރު ގަދައަށް ދިއްލާލާ މުޅި ރާއްޖެއަށް އަލުން ފަތުރާލަން ލިބުނު ނަސީބުކަމުގައި ވުމީ ގާތް ކަމެކެވެ.
ޤާސިމް އިބްރާހިމްގެ ވެސް ގޮނޑި ކިރިޔާ
ދިވެހި ރާއްޖޭގައި "ގޭމް ޗޭންޖަރ" ނުވަތަ "ކިންގް މޭކަރ" ކަމަށް ގަބޫލުކުރެވުނީ ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. 2008ގެ ރިޔާސީ އިންތިޚާބާއި 2009ގެ މަޖިލިސް އިންތިޚާބާއި 2012ގައި ދައުރުގެ މެދުތެރެއިން ވެރިކަން ބަދަލުވުމާއި އަދި އަލުން ސަރުކާރު އެކުލަވާލުމަށްފަހު ދެން އައި 2013ގެ ރިޔާސީ އިންތިޚާބާއި 2014ގެ މަޖިލިސް އިންތިޚާބުގައިވެސް މިހަގީގަތް ބަދަލެއް ނުކުރެވުނެވެ. 2018 ވަނަ އަހަރު "ގާސިމް ނޫންގޮތެއް" ހޯދަންޖެހޭކަމުގެ އަޑުތައް ގަދަ ވިނަމަވެސް، ސަރުކާރުގެ "ބޮޑު ފަޅިއެއް" ގާސިމް ހޯއްދެވި އެވެ. ސިޔާސީ "ވެއިޓް" ނުވަތަ ނުފޫޒޭ ކިޔުނު ނަމަވެސް ޤާސިމް އިބްރާހިމަކީ އެބޭފުޅަކާ ނުލައި ސަރުކާރެއް އަދި ރައްޔިތުންގެ މަޖިލީހެއްގެ މެޖޯރިޓީ ހޯދުން އުނދަގޫ ކަމެއް ކަމުގައި ދިވެހި ރައްޔިތުން ގަބޫލުކުރަމުން އައި ފަރާތެކެވެ. އެހެންނަމަވެސް ނިމިދިޔަ މަޖިލިސް އިންތިޚާބުގައި މާމިގިލީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި ރައީސް ނަޝީދު ބައިވެރިވި ނަމަ، ފަހަރުގައި ގާސިމަށް ގޮނޑި ގެއްލުމުގެ ބިރު އޮތް ކަމަށް ގަބޫލުކުރާ މީހުން މިއަދު މިރާއްޖޭގައި އެބަތިއްބެވެ.
ޖުމްހޫރީ ޕާޓީގެ ނާކާމިޔާބީ އަކީ ޕީޕީއެމް - ޕީއެންސީ. އާއި އެކު ވެވުނު އަރިމަތީ އެއްބަސްވުންތޯ، ނުވަތަ ޕާޓީގެ ރައީސް އަލީ ވަހީދު ޕާޓީގެ ލީޑަރާ ސީދާ އިދިކޮޅަށް ބަސް ވިދާޅުވުންތޯ، ނުވަތަ "ކަލެކްޓިވް ސްޓްރެޓެޖީއެއް" މުޅި ޕާޓީއަށް އެކުލަވާނުލެވުންތޯ، މިއީ ހައްތާވެސް އިލްމީ ބަހުސްތަކެވެ. ލޯމަތީ ފެންނަ މަންޒަރަކީ ގާސިމް އިބްރާހިމްގެ ތާއީދާ ނުލާ ބޮޑު ކާމިޔާބީއެއް ފުރަތަމަ ފަހަރަށް ބަޔަކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހޯދި ތަނެވެ. މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ތެރެއިން ދެ ލައްކައަށް ވުރެ ގިނަ މީހުން ވޯޓުލީ އިރު، އެމީހުންގެ 60 އިންސައްތަ އަކީ 35 އަހަރުން ދަށުގެ އާބާދީ އެވެ. މާނައަކީ ޖެނެރޭޝަން ޒީ އަދި މެލޭނިއަލްސް (ނުވަތަ ޖެނެރޭޝަން ވައި)ގެ މެޖޯރިޓީ ވޯޓު ހޯދާ ބަޔަކަށް ރާއްޖޭގެ އިންތިޚާބުގެ ނަތީޖާ ބަދަލު ކުރެވޭނެ ކަމެވެ. މިދެންނެވި ޖެނެރޭޝަނަށް އެމްޑީޕީން ވިއްކަމުން އައީ "ރިޝްވަތު ދޭ މަހުޖަނު އިސްލާހުކުރަން" ޖެހޭ ކަމުގެ ވާހަކަތަކެވެ. އަދި ދިރިއުޅުމުގެ ހުރިހާ ޒަރޫރަތެއް ފުރިހަމަ ވަނީ "އެޖެންޑާ19" ތަންފީޒުވެގެން ކަމުގަ އެވެ. ޒުވާން ޖީލަށް ސޯޝަލް މީޑިއާގައި މީހަކު ސިފަކުރާ ގޮތް، ކަމެއްގެ ހަގީގަތާއި ގާތްކަމުގައި ގަބޫލުކުރެވެ އެވެ. ހަނގާކުރުން ނުވަތަ ބުލީކުރުން މިހާރު އެންމެ ބޮޑު މާހައުލަކީ ސޯޝަލް މީޑިއާކަމުގައިވެ އެވެ. ޓުވިޓާ ކޮމިއުނިޓީގައި "ފޭކް އައިޑެންޓިޓީ" ހިމެނޭގޮތަށް މީހަކާ ޖައްސާލައިފިނަމަ، ދެން ކާމިޔާބު ހޯދުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
އިމްރާން އަބްދުﷲ އަދި ދީނާއި ސިޔާސަތު ވަކިވުން
ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާން ފެށި ދުވަހުން ފެށިގެން މިހާތަނަށްވެސް ވަރަށް ބޮޑަށް އެބޭފުޅުންނަށް ފާޑުކިޔުން އަމާޒުވި އެވެ. މިބަހުސް މިއަދު ވަނީ މުޅިން އައު ހަރުފަތަކަށް އުފުލިފަ އެވެ. ދީނިއްޔަތާއި އަލްމާނިއްޔަތު ފަދަ ވަރުގަދަ ބަސްތަކެއްގެ ތެރެއަށް ޣަރަގުވެފަ އެވެ. ސެކިއުލާ ވިސްނުމުގެ ނަމުގައި، ވަރަށް ހޫނު ބަހުގެ ހަމަލާތަކެއްވެސް މިދުވަސްވަރު ވަނީ ބަދަލުކުރަން ފެށިފަ އެވެ. މިހާލަތުގައި އަދާލަތު ޕާޓީއަށް އެއްވެސް ގޮނޑިއެއް ނުލިބުން މިއީވެސް ރައްޔިތުންގެ މެސެޖެއްކަމުގައި ސިފަކުރާ މީހުން މަދެއް ނޫނެވެ.
ދީނީ ޢިލްމުވެރިން ނުވަތަ ދަންނަ ބޭކަލުންނަކީ ޕާޓީ ހަދައިގެން ސިޔާސީ ކަންކަމުގައި އުޅެންޖެހޭ ބައެއް ނޫން ކަމަށް ދެކޭ ދިވެހި ރައްޔިތުން މިގައުމުގައި މަދެއް ނޫނެވެ. ދީނީ އިލްމުވެރިންގެ ޖާގަ އަކީ ސުކޫލު މަދަރުސާ އަދި ޔުނިވަސިޓީތަކުގައި އުނގަންނައިދިނުން ކަމުގައި ދެކޭ ރައްޔިތުންގެ ނަޒަރުގައި ދީނީ އިލްމުވެރިން ސިޔާސީ ކޮޅު ނެގުމަކީ އެމީހުންގެ އިތުބާރު ގެއްލި، ދީނީ ނަސޭހަތް ސިޔާސީ ނުފޫޒާއެކުގައި ދެވޭ ޒަމާނަކަށް ހުޅުވޭ ދޮރެކެވެ. ނިމިދިިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް ނަޝީދު ވެސް ވަނީ "ދީނީ މީހުންގެ ނަމުގައި ފިތުނަވެރިކަން" ގެންނަން ސިޔާސީ މައިދާނުގައި ދައްކާވާހަކަ "ޚުދު ކުޑަފަރީ ކަލޭފާނުވެސް ޤަބޫލުނުކުރައްވާނެ" ކަމަށް ވިދާޅުވެ، ވަރުގަދަ ރައްދެއް ދެއްވާފަ އެވެ. ޖުމުލަ ގޮތެއްގައި ޝައިޚް އިމްރާން ކެމްޕެއިން ކުރެއްވި އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުވި އެވެ. އަދި އިސްލާމް ދީން އެއީ ސިޔާސީ މަންފާއެއް ހާސިލް ކުރާ ހަތިޔާރެއް ނުވަތަ ކެމްޕޭން ޓޫލެއް ނޫންކަމަށް ކުރި ވަކާލާތު ބަޔަކު ކާމިޔާބުކޮށްފި އެވެ.
ނިންމާލުން
ވައްކަން، ވަގުން، ސޭޓު، ރިޝްވަތުދޭ މަހުޖަނު، ޑިކްޓޭޓަރު، ދީނީ ތޮފީގައި ފިތުނަވެރީން، މިހުރިހާ ބަސްތައް ނުސީދާކޮށް ރައްދުވަނީ ސަރުކާރު ކޯލީޝަންގައި ހިމެނޭ ރައީސް މައުމޫނު، ޤާސިމް، އަދި އިމްރާނަށް ކަމުގައި ފަހަރުގައި ނުވެދާނެއެވެ. އެމްޑީޕީން ރަސްމީކޮށް މަޖިލީހަށް ވާދަކުރަން ކުރި ކެމްޕޭންގައި "އެޖެންޑާ19"ގެ ނަމުގައި ބޭނުންކުރީ މެނިފެސްޓޯއެއްގެ ސިފައިގައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގެންނާނެ ބަދަލުތަކުގެ ވާހަކަ އެވެ. މިހުރިހާ ކަންކަމެއްގެ ނަތީޖާ އަކީ 65 ގޮނޑި ރައީސް ނަޝީދު ކާމިޔާބު ކުރުމެވެ. އަދި އެހެން އެންމެނަށް ލަދުވެތި ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހުމެވެ. އެހެންވީ މިހެންވީމަ، އަދި މިހެންނުވިނަމަ އެހެންވާން ނުޖެހުނީސް ކަހަލަ ވާހަކަ ދެން ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތެވެ. މިއަދުގެ ހަގީގަތަކީ އެދެވޭ ވާދަވެރި ސިޔާސީ ހަރަކާތެއް ނެތި އެމްޑީޕީ މިގައުމު ބަދަލުކުރުމުގައި ދިގު މުއްދަތަކަށް ވެރިކަންކުރާން ތައްޔާރުވެ، ފައްކާވެއްޖެ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ