މި ސަރުކާރުގައި ވެސް ސިނާނަށް ބޯޑު މެމްބަރު ކަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރު ހިންގާ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވި ސިނާން އަލީ، މި ސަރުކާރުގައި ވެސް ބޯޑު މެމްބަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ކަށަވަރު ކޮށްދިން ގޮތުގައި، މިދިޔަ ފެބުރުއަރީ 2 ގައި ސިނާން އައްޔަން ކުރެއްވީ، އެމްޓީސީސީގެ ބޯޑު މެމްބަރަކަށެވެ. މިއީ، އެ ކުންފުނީގެ ބޯޑަށް ސިނާން އައްޔަން ކުރި ތިން ވަނަ ފަހަރެވެ.
ކުރީގެ ސަރުކާރުގައި އެމްޓީސީސީގެ ބޯޑު މެމްބަރުކަމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް، ސްޓެލްކޯގެ ޗެއާމަނަކަށް ސިނާން ހަމަޖެއްސި އެވެ. އެ މަގާމު އޭނާ އެ ފަހަރު ފުރުއްވީ ތިން ދުވަހެވެ. އޭގެ ފަހުން އަނެއްކާވެސް ބަދަލުކުރީ އެމްޓީސީސީގެ ބޯޑު މެމްބަރު ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު ކަމަށް ވެސް ކުރީގެ ސަރުކާރުގައި ސިނާން ހަމަޖެއްސި އެވެ. އޭނާ އެ މަގާމުން ވަކިކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ސިނާން މަގާމުން ވަކިކުރީ، ސަރުކާރު ކޯލިޝަންގައި އޮތް އެމްޑީއޭ އާއި ޕީޕިއެމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ކަމަށް ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް ސިނާނަށް މެމްބަރަކަން ދިނުމުން، ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އެއް ކަމަކަށް، ކުރީ ސަރުކާރުގެ އިސް މަގާމްތަކެއް ފުރުއްވި އިރު އޭރު އިދިކޮޅު (މިހާރު ވެރިކަންކުރާ ކޯލިޝަން)ގެ އިސް ބޭފުޅުންނަށް ސިނާން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވުމެވެ. އޭގެ އިތުރުން، ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއްގައި ތުހުމަތުކޮށްފައިވާ މީހަކު ބޯޑު މެމްބަރަކަށް އައްޔަންކުރުމާ ދެކޮޅަށް ވެސް ސިނާނަށް ދަނީ ފާޑުކިޔަމުންނެވެ.
ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެކި ފަހަރު މަތިން، އަންހެން ކުދިން އޮފީހަށް ގެންގޮސް ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއްގައި ސިނާންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އޭގެ ކުރިން އެ މައްސަލައާ ގުޅުން ހުރި ވީޑިއޯއެއް ވެސް އިންޓަނެޓުގައި ލީކުވި އެވެ.
ޔާމީންގެ ސަރުކާރުގައި، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ދައުވާ ކުރަން ކޯޓަށް ފޮނުވި ކަމެއް ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ