އާރުއާރުޓީ މެމްބަރަކަށް، މެމްބަރު އިކްރާމް ހަމަލާ ދިން މައްސަލަ ބެލުމަށް އެމްއެޗްޕީޔޫއިން ގޮވާލައިފި

ކޮވިޑު-19 އާއި ގުޅިގެން އެޗްޕީއޭ އިން އުފައްދާފައި އޮންނަ ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާ ދިން މައްސަލަ ބެލުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ގޮވާލައިފިއެވެ. އެމްއެޗްޕީޔޫ އިން ރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރެޕިޑްސް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދެވުނު ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެ މައްސަލަ ބަލައި ހައްޤު އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ. "ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" އެމްއެޗްޕީޔޫ އިން ބުނެފައިވެއެވެ.މިކަމާއި ގުޅިގެން މެމްބަރު އިކްރާމް ވަނީ، އެ ބޭފުޅާގެ ކޮވިޑު-19 ސާމްޕަލް އެއް ނެގި އިރު، ވަރަށް ތަދުވާ ކަހަލަ ގޮތަކަށް ރެޕިޑްރެސްޕޮންސް ޓީމުގެ މެމްބަރު އަމަލު ކުރި ކަމަށާއި އެވަގުތު ތަދުވެގެން އޭނާގެ އަތް ދުރަށް ލެވުނު ކަމަށެވެ. އަދި ހަމަލާ ދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އިކްރާމް އެހެން ވިދާޅުވިނަމަވެސް، ރޭ އެ މައްސަލަ ވަނީ ހެއްކާއި އެކު ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުންވަނީ އެ މައްސަލަ ބަލަމުން އަންނަކަމަށް ބުނެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ