ބަޖެޓް އޮތީ ވަޒީރުންނާ ގާތް "ހީނ އުޅޭ ފަރާތްތަކުގެ" ދާއިރާތަކަށް އިސްކަން ދީފައި: މެމްބަރު ވަހީދު

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު އޮތީ މި ސަރުކާރުގެ ވަޒީރުންނާ ގާތް ދާއިރާތަކަށް އިސްކަން ދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ވަހީދު މިއަދު ވިދާޅުވީ،ބަޖެޓުގައި ދާއިރާތަަކަށް ކަންކަން ހިމަނާފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.ފިނޭންސް މިނިސްޓްރީން މިހާރު ހުށަހަޅާފައި އޮތް ދައުލަތުގެ ބަޖެޓަކީ މި ސަރުކާރުގެ ވަޒީރުންނާއި ގާތް ދާއިރާތަކަށް އިސްކަން ދެއްވައިގެން ހުައަޅާފައިވާ ބަޖެޓެއް ކަމަށާއި އަދި ބަޖެޓު އޮތީ ވަޒީރުންގެ އަރިހުގައި "ހީނ އުޅޭ މީހުންނަށް އިސްކަން ދެއްވާފައި" ކަމަށެވެ.
ވަހީދު ވިދާޅުވީ ބަޖެޓުގައި ވަޒީރުންނާއި ގާތް ނޫން ދާއިރާތަކުގައި މާ ބޮޑު ކަންތައްތަކެއް ހިމަނާފައި ނުވާ ކަމަށެވެ. އެހެން ދާއިރާތަކާއި މެދު އިހުމާލު ނުވުމަށް ގޮވާލެއްވި އެވެ.
ތަންތަން ރާނަންޏާވެސް އަޅުގަނޑު މި ދަންނަވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކޮށް ކަންތައްތައް ކޮށްދެއްވާށޭ. ވަޒީރުންނާއި ގާތް ދާއިރާތަކަށް އިސްކަން ދެއްވައިގެން އެގޮތަށް ކައިރީގައި މަޖާ ނޫނަސް ގިނައިން ހީނ އުޅޭ މީހުންނަށް އިސްކަން ދެއްވާފައި ދެންހުރި ތަންތަނާއި ދޭތެރޭގައި އިހުމާލުވާ ގޮތަށް އެކަން ނުކުރައްވާށޭ.
ވަހީދު ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި މުޅި ދުނިޔެއެކޭ އެއްފަދައިން ރާއްޖެވެސް ވަނީ އިގްތިސާދީ ގޮތުން ދަށަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ބަޖެޓުގައި ހިމަނަންވީ ތަންތަން ރާނައި ދަރަނިވެރި ވެގެން ފުޓްބޯޅަ ދަނޑު ހަދަން ނޫން ކަމަށެވެ. އަދި ބަޖެޓަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތަސައްވަރާއި ހިޔާލުފުޅުތަކަށް ފެތޭ ބަޖެޓެއްް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ