ރާއްޖޭގައި ވަރަށް މަދުންކުރާ އޮޕަރޭޝަނެއް ށ.އަތޮޅު ހޮސްޕިޓަލުގައި ކޮށްފި

ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ އޮޕަރޭޝަނެއް ށ.އަތޮޅު ހަސްފަތާލުގައި މިއަދު ކޮށްފިއެވެ. މިއަދު ށ.އަތޮޅު ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނަކީ ކަރުން މަތީގެ ޚާއްޞަ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ކުރެއްވީ އެ ހޮސްޕިޓަލުގައި ދެ އަހަރެއްހައި ދުވަސް މަސައްކަތްކުރައްވާފައިވާ މިޞްރުގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމުގައިވާ އަސްލަމް ޒަކަރިއްޔާއެވެ. "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ޑރ.އަސްލަމް ވިދާޅުވެފައިވަނީ މިއަދު ކުރި އޮޕަރޭޝަނަކީ  "ސަބް މެންޑިބިއުލާ ސަޔޯލޯއެންޑެކްޓޮމީ"ގެ ސާޖަރީއެއް ކަމުގައެވެ. އެއީ އަނގައިން ކުޅު އުފައްދާ އެއް ގުނަވަން ކަމަށްވާ ސަލައިވަރީ ގްލޭންޑް ނެގުމަށް ހަދާ އޮޕަރޭޝަނެއް ކަމުގައެވެ. މި އޮޕަރޭޝަންކޮށްފައިވަނީ ޢުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމުގައިވެސް ޑޮކްޓަރު ވިދާޅުވިއެވެ. އެ މީހާ މި އޮޕަރޭޝަން ކުރީ އޭނާގެ ކަރުދަށް ދުޅަވެ، ކެއިން ބުއިން ދަތިވުމުން ކަމުގައިވެސް ޑޮކްޓަރު ވިދާޅުވިއެވެ. އޭނާގެ ސާޖަރީ ހަދާފައިވަނީ ސަލައިވާ ގްލޭންޑްސް ދުޅަވުމުން ކަމުގައެވެ. އެ ސާޖަރީއަކީ ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވާ ސާޖަރީއެއް ކަމުގައެވެ. ކަރުދަށުން ބައެއް ކަފާލައި އޭނާގެ ސަލައިވާ ގުލޭންޑްސް ނެގީ ކަމުގައެވެ. އަދި އެ ގުލޭންޑު ނެގުމުގެ ސަބަބުން އެ މީހާއަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށާއި ކުޅު އުފެއްދުމުގައި ދަތިކަމެއްވެސް ކުރިމަތިނުވާނެ ކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ. ފުނަދޫ ހަސްފަތާލުގެ މެނޭޖަރު އަޙްމަދު ޒުމްރަތު "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ އެ ހަސްފަތާލަށް ލިބުނު ވަރަށް ބޮޑަށް ކުރިއެރުމެއް ކަމަށެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ