ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ވިޔަފާރިވެރިންގެ އަތުން ނަގާ ކަރަންޓް ފީ ކުޑަކޮށްދޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ލ އަދި ތ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ލ ފޮނަދޫއަށް ވަޑައިގެން އެރަށުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، އެބޭފުޅުންގެ ސަރުކާރެއްގައި މެދު އަދި ކުދި ފަންތީގެ ވިޔަފާރިވެރިންގެ އަތުން ނަގާ ކަރަންޓް ބިލައަކީ އެމީހުންނަށް "ބުރައަކަށް" ނުވާ ވަރަށް އެބިލްތައް ކުޑަކޮށްދޭނެ ކަމަށެވެ.
"ކަރަންޓްގެ އަގު ރާއްޖޭގެ އެހެންތަންތަނާ އެއްވަރަށް ހަމަ ހަމަ ކުރި އިރުގައި، ވިޔަފާރި ކުރާ ތަންތަކުން ނަގާ އަގު އިންތިހާއަށް ނެގުމުގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރުމަށް މިވަނީ އުނދަގަކެއް މިވަނީ ކުރިމަތި ވެފަ. ވިޔަފާރިން ލިބޭ ފައިސާއިން ކަރަންޓް ބިލަށް ޚަރަދުކޮށްފައި ދެން ހުރި ކަންކަން ކުރުމަށް ފައިސާ ނެތް ހިސާބަށް ބައެއް ކުދި ކުދި ވިޔަފާރިތައް ވަނީ ގޮސްފައި." އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން ލ އަތޮޅަކީ ލޯކަލް ޓޫރިޒަމް ރައީސް ނަޝީދުގެ ސަރުކާރުން ފުރަތަމަ ޤާއިމް ކުރި ދާއިރާ ކަމަށާއި ނަމަވެސް މިކަން ތަރައްްޤީ ކުރުމަށް ދަތިތަކެއް ހުރި ކަމަށް އިބޫ ވިދާޅުވިއެވެ.
"މިދާއިރާ ތަރައްޤީ ކުރަން ބަލާއިރު، މިއީ އަޅުގަނޑުމެން ލޯކަލް ޓޫރިޒަމް އެންމެ ފުރަތަމަ ތަރައްޤީ ކުރި ދާއިރާ. އެހެންނަމަވެސް ތަރައްޤީކޮށް ކުރިޔަށް ގެންދެވުމަށްޓަކައި މިވަގުތު އެބަޖެހޭ އިތުރު ކަންތައްތަކެއް ކުރަން." އިބޫ ވިދާޅުވިއެެވެ.
ލޯކަލް ޓޫރިޒަމް އަށް އޮތް އެންމެ ބޮޑު ދައްޗަކީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުންކަން ފާހަގަ ކުރަމުން އިބޫ ވިދާޅުވީ، "އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަ ކުރެއްވިއްޔާ އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކޮށް އަތްފޯރާ ފަށަށް" ގެންނާނެ ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވީ ޤާސިމް އިބްރާޙިމްއާއި، ރައީސް މައުމޫން އާއި ޝެއިލް އިމްރާން އާއި ރައީސް ނަޝީދާއެކު މިކުއްވަނީ ޤައުމީ މަސައްކަތެއް ކަމަށާއި ބޭނުންވަނީ މިޤައުމުގައި އިންސާފް ނެތް މީހުންނަށް އިންސާފް ޤާއިމްކޮށް ދޭން ކަމަށެވެ.
"އެއީ މިޤައުމު ހަމަ މަގަށް އަޅުވާ އިންސާފު ހޯދާދޭން ޖެހޭ ބައިވަރު ކަންކަން އެބަ ހުރި. ވައްކަމާ ފަސާދައާއި ނާމާންކަން މިޤައުމުގައި ފެތުރިފައިވާ މިންވަރު އިތުރަކަށް އަޅުގަނޑުމެން ދަންނަވާކަށް ނުޖެހޭނެ." އިބޫ ވިދާޅުވި އެވެ.
ލ އަތޮޅަށް ކުރައްވަވާ ދަތުރުގައި މިއަދު އެމަނިކުފާންވަނީ ލަ އަތޮޅުގެ 4 ރަށަކަށް ވަޑައިގެންފައެވެ. މީގެ ތެރޭގައި މާވަށް، ދަނބިދޫ، އިސްދޫ އަދި ފޮނަދޫ ހިމެނެއެވެ.
ވިޔަފާރިވެރިންގެ އަތުން ނަގާ ކަރަންޓް ފީ ކުޑަކޮށްދޭނަން - އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ