ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފިއެވެ.
ވަގުތަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ، މިމަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ، "އަނިޔާވެރިކަން ނިންމަން" ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއަށް ފަންޑުކުރި ކަމުގެ ތުހުމަތުގައެވެ.
ގާސިމް އިބްރާހިމް ހައްޔަރު ކުރަން އަމުރު ނެރެފައިވާއިރު ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވެސް މިހާރު ހުންނެވީ ފުލުހުންގެ ހައްޔަރުގައި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މޭޑޭގެ މުޒާހަރާގައި ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭ ގޮތަށް ވާހަކަދެއްކެވި ކަމުގެ ތުހުމަތުގައި އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އޭނާ ބަންދު ކުރި މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ވަނީ ވައްދާފައެވެ. އެ މައްސަލައިގެ ހުކުމް މާދަމާ އިއްވާނެ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޭޑޭގެ މުޒާހަރާގައި ހިނގައިދިޔަ ކަންތައްތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މުޒާހަރާ އާ ގުޅިގެން ހައްޔަރު ކުރަން ބޭނުންވާ މީހުން ހައްޔަރު ކުރުމަށް ކޯޓު އަމުރު ހޯދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ގާސިމް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަން ނުވަތަ ނޫން ކަންވެސް އޮފިޝަލް ވިދާޅެއް ނުވެއެވެ.
ގާސިމް ހައްޔަރު ކުރަން ކޯޓު އަމުރު ނެރެފައިވާއިރު، އަމީން އިބްރާހިމް އާއި، އެމްޑީޕީގެ ޗެއަރ ޕާސަން އަލީ ވަހީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަބްދުﷲ އިމްރާންވެސް ވަނީ ފުލުހުންގެ ހައްޔަރުގައެވެ.
ގާސިމް ހައްޔަރުކުރަން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ