ޓޫރިސްޓުންނަށް ރަލާއި އޫރު މަހާއި ސްޕާގެ ޚިދުމަތް ދެވިދާނެތޯ ބެލުމަށް ދައުލަތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްޓޫރިސްޓުންނަށް ރަލާއި އޫރު މަހާއި ސްޕާގެ ޚިދުމަތް ދެވިދާނެތޯ ބެލުމަށް ދައުލަތުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު ވަރަށް އަވަހަށް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ އެ މައްސަލައިގައި އިއްޔެ ބޭއްވި އިޖްރާއީ އަޑުއެހުމުގަ އެވެ.ދައުލަތުގެ މައްސަލަ އިއްވަވަމުން، ބަންޑާރަ ނައިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަދި ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ އިސްލާމްދީން ހުއްދަ ނުކުރާ ހިދުމަތްތަކެއް ފަތުރުވެރިންނަށް ދިނުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށާއި ރާއްޖެ އަށް ރަލާއި އޫރު މަސް އެތެރެކޮށް ނުވިއްކޭނެ ކަމަށާއި ސްޕާތައް ނުހިންގޭނެ ކަމަށް ބައެއް ފަރާތްތަކުން އަޑުއުފުލަމުންދާ ކަމަށެވެ.ވަކީލާ ފާތިމަތު ވިދާޅުވީ ރާއްޖެއަށް ބަނގުރަލާއި އޫރު މަސް އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމަކީ، ދައުލަތުން ދެކޭ ގޮތުގައި ހުއްދަ ކަމެއް ކަމަށެވެ. އެއީ ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެތީގެ ގާނޫނާއި ބަނގުރަލާއި އޫރުމަސް އެތެރެ ކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވާތީ ކަމުގައި ވަކީލާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ގަވައިދަކީ ސައްހަ ގަވައިދެއް ކަމަށް ބަންޑާރަ ނާއިބް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.ވަކީލާ ވިދާޅުވީ ސްޕާތައް ހިންގުމަށް ނުވަތަ ރެގިއުލޭޓް ކުރުމަށް ވަކި ހާއްސަ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށެވެ. ނަމަވެސް، ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮތުމުން ސްޕާތައް ހިންގަނީ ވެސް ގާނޫނާ ހިލާފްނުވާ ގޮތެއްގެ މަތިން ކަމަށް ވަކީލާ ވިދާޅުވި އެވެ،ވަކީލާ ވިދާޅުވީ، ރަލާއި އޫރު މަސް އެތެރެކޮށް ސްޕާތައް ހިންގުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެއީ އިސްލާމް ދީނާ ހިލާފް ކަމެއް ކަމަށް ބުނާތީ އާއި އެފަދަ ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅަމުންދާތީ އިންވެސްޓަރުންނަށް ބޮޑެތި ޝައްކުތަކެއް ކުރިމަތިވެފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.ވުމާއެކު ދައުލަތުން އެދެނީ ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ތަކެއްޗާ ބެހޭ ގާނޫނާއި ބަނގުރަލާއި އޫރު މަހާ ގުޅޭ ގަވާއިދަކީ ސައްހަ ގަވާއިދެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.ދައުލަތުގެ މައްސަލަ އިއްވައި ނިމުމުން، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ކުރި ސުވާލުތަކުގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ބާރުން ހުކުމެއް ކުރަންޖެހޭ ވަރަށް އެ މައްސަލައިގައި އިންވެސްޓަރުންގެ ކަންބޮޑުވުން ގޮސްފައިވޭތޯ އާއި، އެ މައްސަލައިގައި ހިލާފް އުފައްދާ ފަރާތްތަކަކީ ކޮބައިތޯ އާއި ގަވާއިދުގައި، ހިލާފްވާ ކަމަށް ބުނަނީ ކޮން މާއްދާތަކެއްތޯ ފަދަ ސުވާލުތައް ހިމެނެއެވެ.ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރަލާއި އޫރުމަހާ ގުޅޭ ބައެއް މައްސަލަތަކާއި ސްޕާގެ މައްސަލަތަކެއް ވެސް ކޯޓުގައި އުޅޭތީ އިންވެސްޓަރުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. ވަކީލާ ފާތިމަތު ވިދާޅުވީ މައްސަލައިގައި ބަޔަކު ހިލާފް އުފައްދަމުންދާ ކަމަށާއި ނަމަވެސް އެމީހުން ރަސްމީކޮށް މައްސަލަ ހުށަހަޅާފައިނުވާ ކަމަށެވެ.އަދި ގާނޫނު އަސާސީއާ ހިލާފް ކަމަށް ހިލާފް އުފައްދާ ފަރާތްތަކުން ބުނަނީ ރަލުގެ ގަވާއިދުގެ ތިން ވަނަ މާއްދާއިން ފެށިގެން 20 ވަނަ މާއްދާއާ ހަމައަށް ކަމުގައި ވަކީލާ ވިދާޅުވިއެވެ.ރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަށް ހުއްދަ ދީ ސަރުކާރުން ހަދާފައިވާ ގަވާއިދަކީ އިސްލާމްދީނާއި ގާނޫނު އަސާސީއާ ހިލާފު އެއްޗަކަށް ވާތީ، އެ ގަވާއިދު ބާތިލް ކޮށްދިނުމަށް އެދި 11 އޭޕްރީލް 2010 ގައި ހ. ކޮޔާ އިބްރާހީމް ޝަމީމް ހައިކޯޓަށް މައްސަލަ ހުށަހަޅާފައި ވެއެވެ.އެ ދައުވާގައި ބުނެފައި ވަނީ ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ވިއްކުމުގެ ހުއްދަ ދީފައިވާ ގަވާއިދަކީ ގާނޫނު އަސާސީގެ އަސްލު މަސްދަރު ކަމަށްވާ އިސްލާމްދީނާ ތައާރަޒްވާ އެއްޗެއް ކަމަށެވެ. އަދި ބަނގުރަލަކީ ކަނޑައެޅިގެން އިސްލާމްދީނުގައި މުޅި އުއްމަތަށް ހަރާމް ކުރައްވާފައިވާ އެއްޗަކަށްވީ ހިނދު އަދި ބަނގުރާ ވިއްކާ މީހާ އާއި ގަންނަ މީހާ އާއި އުފުލާ މީހާ އާއި ވިއްކުމުގެ ހުއްދަ ދޭ މީހާގެ އިތުރުން ބަނގުރަލާއި ގުޅިގެން ދިހަ ފަރާތަކަށް އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވާތީ އިސްލާމް ދީނުގެ ހައިބަތު ދިފާއު ކުރުމުގެ ގޮތުން މުސްލިމުންގެ މައްޗަށް މުސްލިމް ގައުމަކުން ކޮށްގެންނުވާނެ ކަމެއްކަން އިސްލާމްދީނުގެ އަސްލުތަކުން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަށް އެ ދައުވާގައި ވެއެވެ.އަދި އެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ހުކުމް ކުރަންދެން ގަވާއިދުން ހުއްދަ ދީފައިވާ ކަންކަން ކުރުން މަނާކޮށް އެ ޤަވާއިދަށް އަމަލު ނުކުރުމަށް އެންގުމަށް ވެސް އެ ދައުވާގައި އެދިފައި ވެއެވެ. އެ މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި ރަލުގެ ހުކުމް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ޖަވާބެއް ހުށައަޅާފައިވެ އެވެ. އަދި ރައީސް ނަޝީދުގެ 26 ފެބްރުއަރީ 2010 ގެ ރޭޑިއޯ ހިތާބު ވެސް ދައުވާއާ އެކު ހުށައަޅާފައިވެ އެވެ. އެއީ އެހިތާބުގައި ރާއްޖޭގައި ހިންގާފައިވާ ހުރިހާ މާރާމާރީއަކީ ރާބޮއެ މަސްތުވެގެން ހިންގާފައިވާ މާރާމާރީތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެވެ.އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން 2 މެއި 2011 ގައި ބާއްވާފައި ވެއެވެ.އެ އަޑުއެހުމުގައި ކޮމިޓީގެ އިސްޤާޟީ ޢަބްދުﷲ ޙަމީދު ތަކުރާރުކޮށް އެޤަޥާޢިދަކީ އިސްލާމްދީނާއި ތައާރަޒް ނުވާ އެއްޗެއްތޯ އެއްސެވުމުން ދައުލަތުގެ ވަކީލުން ބުނެފައި ވަނީ ފުށުއަރާކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި އެއީ ޤާނޫނުން ބާރު ލިބިދީގެން ހެދިފައިވާ ޤަޥާޢިދެއްކަމާއި، އެހެންކަމުން ވަޤުތީ އަމުރެއް ނެރުއްވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައި ދައުލަތުގެ ވަކީލުން ބުނެފައި ވެއެވެ.ހައިކޯޓުން އެ މައްސަލައިގައި މިއަދާ ހަމައަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.2010 ވަނަ އަހަރު ކުރީކޮޅު ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް ޤަވާއިދެއް ހަދާފައެވެ. އެ ހުއްދަ ދިނުމަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށް ސަރުކާރުން އެ ނިންމުން އަނބުރާ ގެންގޮސްފައި ވަނީ އެކަމާ ދެކޮޅަށް 26 ފެބްރުއަރީ 2010 އެތައްހާސް ބަޔަކު މުޒާހަރާ ކުރުމުންނެވެ.އޭގެ ފަހުން ސަރުކާރުން ދަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ސަރަހައްދުތަކަކީ ފަޅުރަށްރަށް ކަމަށް ކަނޑައަޅައި އެތަންތަނުގައި ބަނގުރާ ވިއްކަން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ