ޢަބްދުﷲ ގާޒީ ކޯޓަށް ހާޒިރުނުކޮށްދިން ސަބަބު އެންގުމަށް ހައިކޯޓުން ސިފައިންނަށް އަންގައިފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު - ފޮޓޯ : ސަން އޮންލައިންސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އިއްޔެ ހައި ކޯޓަށް ހާޒިރުކުރަން އެންގުމުން ހާޒިރު ނުކުރި ސަބަބު އަންގައި އެކަމަށް ޖަވާބުދާރީ ވުމަށް ހައި ކޯޓުން ސިފައިންނަށް ސިޓީއެއް ފޮނުވައިފި އެވެ.ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މިއަދު ވިދާޅުވީ އަބްދުﷲ ގާޒީ ވަގުތުން ވަގުތަށް ދޫކޮށްލުމަށް އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި އެ ކޯޓުން ނެރުނު އަމުރާއި އިއްޔެ މެންދުރު 14:00 އަށް އަބްދުﷲ ގާޒީ އެ ކޯޓަށް ހާޒިރުކޮށްދިނުމަށް އެމްއެންޑީއެފް ގެ މައްޗަށް ކުރި އަމުރަށް ތަބާވެފައި ނުވާތީ، އެ އަމުރުތަކަށް އަމަލުނުކުރި ސަބަބު މިއަދު 14:00 ގެ ކުރިން އަންގަވައިދެއްވުމަށް މިއަދު އެމްއެންޑީއެފް އަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.އެމްއެންޑީއެފްގެ މައްޗަށް ހައިކޯޓުން އިއްޔެ ރޭ ދަންވަރު ކުރި އަމުރުގައި ބުނަނީ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓަކުން ނެރޭ އަމުރަކުން ކަމަށް ފަނޑިޔާރުންގެ ގާނޫގައި ބަޔާންވެގެންވާއިރު، ހައިކޯޓުން އެފަދަ އަމުރެއް ނުނެރެނީސް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށްވާތީ އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް އެމްއެންޑީއެފްގެ މައްޗަށް އަމުރުކުރާ ކަމަށެވެ.އިއްޔެ މެންދުރު ފަހު 14:00 އަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން އަމުރުކުރީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފޮނުވި ޗިޓަކީ ބާތިލް ޗިޓެއް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިޔުމަށެވެ. އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ އިއްޔެ ހާޒިރުކޮށްނުދިނުމުން އަބްދުﷲ ގާޒީގެ ޣައިރު ހާޒިރުގައި އެ މައްސަލައިގެ ޝަރީއަތް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަބްދުﷲ ދެވަކީލުން އަޝަރީއަތަށް ހާޒިރުވިއެވެ.އަބްދުﷲ ގާޒީގެ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވެފައި ވަނީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށްފަހު އަބްދުﷲ ގާޒީ ބަހައްޓާފައި ހުންނެވި ތަނެއް މިހާތަނަށް ވެސް ބުނެދީފައި ނުވާ ކަމަށެވެ. ޢަބްދުﷲ ގާޒީ އާމެދު ސިފައިން ޢަމަލުކޮށްފައިވަނީ މުޅިންވެސް ގާނޫނާ ޚިލާފަށް ކަމަށާއޮ، ގާނޫނީ ވަކީލަކަށް އެއްވެސް ފުރުސަތު ނުދޭ ކަމަށް ރިޒާ ވިދާޅުވިއެވެ.ރިޒާ ވިދާޅުވީ އިއްޔެރޭ ގާތްގަނޑަކަށް މެންދަމު 2 ޖަހަންދެން އެމްއެންޑީއެފްގެ މައިމަރުކަޒުގައި ސިފައިންގެ މަރުކަޒުގައި ވަކީލެއްގެ ހައިސިއްޔަތުން ހުންނެވި ކަމަށާއި، ނަމަވެސް ސިފައިންގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ޢަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ސިފައިން ގެންގޮސް ލޯންޗަށް އެރުވިއިރު ރިޒާ އަށް ގުޅުއްވާފައި ލޯންޗަށް އެބައަރުވާ ކަމަށް ވިދާޅުވި ކަމަށާއި، ނަމަވެސް ރިޒާ ދިޔައިރު ސިފައިން ޢަބްދުﷲ ގާޒީ އާއެކު ފުރައިގެން ނައްޓާލައިފި ކަމަށް ރިޒާ ވިދާޅުވިއެވެ.ޢަބްދުﷲ ގާޒީގެ އާއިލާގެ އެއްވެސް މީހަކަށް، އަނބިކަނބަލުންނަށް އަދި ދަރިންނަކަށް ވެސް މިހާތަނަށް ޢަބްދުﷲ ގާޒީ އާބެހޭ މައުލޫމާތެއް މިހާތަނަށް އަންގާފައިނުވާ ކަމަށް އެއާއިލާއިން ބުނެއެވެ. އަދި ޢަބްދުﷲ ގާޒީ އާއި ބައްދަލުކުރަން އާއިލާއިން ސިފައިނެގެ އަށް ދިއުމުން އެކަންވެސް ކޮށްދީފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ