އަޅުގަނޑު މިހުރީ ބޭސްފަރުވާގައި: ގާސިމް އިބްރާހިމް

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވީ ބޭސްފަރުވާއަށްޓަކައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުކުމަށް ފިލައިގެން އުޅޭކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެ އިދާރާއިން އެންގި އެންގުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ގާސިމް ވިދާޅުވީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ދައުލަތުގެ އިދާރާޔަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އެ އަމުރުގައިވާ ފަދައިން ބޭސްފަރުވާގައި ހުއްޓާ، ފިލައިގެން އުޅޭ މީހެއްކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓްގެ ހުރުމަތްކަނޑުންކަމަށް ދެކޭކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ގާނޫނޫ ނަންބަރު 22/2010ގެ 77 ވަނަ މާއްދާ ބައްލަވާލެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އެ މާއްދާގައި ބުނެފައިވަނީ ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން، ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލްއިންސާފު ގާއިމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަގާމުތަކާއި ހަވާލުވެ ތިބޭ މީހުންނާއި، ސިފައިންނާއި، ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމް ނިންމުމެކެވެ.
ޓްވިޓާގައި ރައީސް މުހައްމަދު ނަޝީދާއި، ގާސިމް އިބްރާހީމް ޓެގްކޮށް ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ހެޑްކުއާޓާޒްއަށް ހާޒިރުވުމަށް ޗިޓް ރައްދުކުރާ ކަމަށެވެ.
ފުލުހުންގެ މި ޗިޓްގައި ބުނެފައިވަނީ ރައީސް ނަޝީދާއި، ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން، ބޭސްފަރުވާއަށް ހުއްދަދީފައިވާ މުއްދަތު ހަމަވުމުން ރާއްޖެ ނައިސް ފިލައިގެން އުޅޭ މައްސަލައާއި ގުޅޭ ތަހުގީގަށް ބަޔާން ނެގުމަށް ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، މީގެ ކުރިންވެސް ސިޔާސީ އެކި ބޭފުޅުންގެ މައްސަލަތައް ތަހުގީގުކުރުމުގެ ނަމުގައި ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންނަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގަމުން ގެންގޮސްފައިވެ އެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ގާނޫނީ އެކި ގޮޅިތަކަށް ފެއްތުމަށް ސަރުކާރުން ކުރި މަސައްކަތުން ގުޅިފައިވާ ޕާޓީތަކުގެ ހުރިހާ ލީޑަރުންނަށް ވަނީ އެކިއެކި ހުކުމްތައް އިއްވާފަ އެވެ.
ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ލީޑަރުން ގާނޫނީ ގޮޅިތަކަށް ފެއްތުމުގެ މަގުސަދުގައި ފުލުހުން ވަނީ ތަފާތު ނަންނަމުގައި އިންޓެލިޖެސް ރިޕޯޓްތައް ހަދާ، އަސާސެއްނެތް މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރަން ފޮނުވާފަ އެވެ. ފުލުހުންގެ މުއައްސަސާގެ މި އަމަލުތަކާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ