ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒު ވާހަކަ ދެއްކުމަކީ ވަރަށް ދެރަކަމެއް ކަމަށާއި އެކަންކަމަކީ އެބޭފުޅާއާއި ބެހޭ ކަންތައްތަކެއް ނޫންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މ.އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެވަޑައިގެން ސީއެންއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެވަގުތަކު އޮންނަ ސަރުކާރަކުން ކަނޑައަޅާ ސިޔާސަތުތައް ސަރުކާރުގެ އޮފީސްތަކުންނާއި ސިވިލްސާވަންޓުން ހިނގުމުން ނިމުނީ ކަމަށެވެ.
ސިޔާސީ މަސްރަހުގައި ދެކެވެމުންދާ ބައެއް ވާހަކަތަކާއި ގުޅިގެން މީޑިއަތައް މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް އިންޒާރު ކުރައްވާފަދަ ގޮތަކަށް ސީޕީ ވާހަކަ ދައްކަވާފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅާއަކީ "ޣައިރު ގާނޫނީކޮށް އެމަގާމާއި" ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި އެފަދަ ހާލަތެއްގައި ހުންނަވައިގެން "އެ ބަޣާވާތް ދެމެހެއްޓޭނެ ގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާކަމީ ވަރަށް ކަންބޮޑުވާ ކަމެއް" ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އެމްޑީޕީން އެދޭކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުން އެބަހުރި މިސާލަކަށް ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ. އެކަމާއި ގުޅޭގޮތުންވެސް އަޅުގަނޑުމެންނަށް މިއޮތީ އަދި އިތުރު ތަފްސީލު މައުލޫމާތު ނުލިބި. އެނގިވަޑައިގަންނަވާނޭ އަފްރާޝީމް މަރުވިތާ ދާދި ގާތުގައި ފުލުސް އޮފީހުންވެސް ކުއްޖަކު މަރުވި. ދެން އިހަކަށް ދުވަހަކު ހިދުމަތުގައި އުޅެނިކޮށް ނިޔާވާ ފުލުހުންގެ ހަނދާނުގައި ކަންކަން ކުރަމުން ދިޔައިރުވެސް އަޅުގަނޑު މިދެންނެވި ކުއްޖާގެ ކަންކަން އޮތީ ނުކުރެވި. އޭރުގައި ވާހަކަ ދެކެވުން އެކުއްޖާ މަރުވި އިރުގައި ހަށިގަނޑުގައި ޒަހަރެއް ހުރިކަމަށް ޑޮކްޓަރުން ބުނާކަމަށް. އަޅުގަނޑަށް ހީވަނީ މިކަންވެސްމީ ވަރަށް ބޮޑަށް ސާފްކުރަންޖެހޭ ކަމެއްހެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ މުވައްސަސާ ޕްރޮފެޝަނަލް މުވައްސަސާއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެމަނިކުފާނު ފުލުހުންނަށް ޔަގީންކޮށް އަރުވަނީ އެމްޑީޕީގެ ސަރުކާރެއްގައި އެބޭފުޅުންނަށް ސަރުކާރުން ދޭން ބޭނުންވާ ހުރިހާ ތަމުރީނުތަކާއި އިރުޝާދެއް ވެސް ދެމުން ގެންދަވާނެ ކަމަށެވެ.
އެމްޑީޕީގެ ފުލުހުންނާއި ގުޅޭ ސިޔާސަތާއި ބެހޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ ސިޔާސަތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ވަރަށް އެކަށީގެންވާ ސިޔާސަތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
"އަޅުގަނޑު އަނެއްކާވެސް ތަކުރާރު ކުރަނީ ކޮމިއުނިޓީ ޕޮލިސް ނުވަތަ އިޖުތިމާއީ ބައެއްގެ ގޮތުގައި ފުލުހުން ތިބުމަކީ ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑުމެންނަށް ފުލުހުންނާއި ބެހޭ ގޮތުން މިހާރު މިދެކެވޭ ހުރިހާ ވާހަކަތަކާއި އެކަންކަމަކީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް އަޑުއަހަން ބޭނުން ވާހަކަ ތަކެއްނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ ކަންކަމަކީ އަބްދުﷲ ރިޔާޒްއާއި ބެހޭކަމެއް ނޫން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ