ޖޭޕީއާއެކު ވަރަށް އަވަހަށް މަޝްވަރާ ކުރާނަން: މައުމޫން

ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތައް ވަރަށް އަަވަހަށް ފަށާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް ހުރިހާ ޕާޓީތަކަކާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތް ޕާޓީއެއް ކަމަށާއި ޖުމްހޫރީ ޕާޓީއާއެކު ވާހަަދައްކައިގެން އިތުރަށް ކުރިއަށް ދިއުމަށްޓަކާ މަޝްވަރާތައް ކުރުމަށް ތައްޔާރަށް އޮތް ކަމަށާއި އެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"އަޅުގަނޑު މިއައީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޭރުގަ އުޅޫއްވާފަ. އަދި ރައީސް ޔާމީންވެސް މިހާރު ވަނީ ބޭރަށްވަޑައިގަންނަވާފަ. އެންމެން ހަމަވީމަ މަޝްވަރާތަކާއިގެން ކުރިއަށްދާނަން،" މައުމޫން ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއާ ދެމެދު އުފެއްދި ކޯލިޝަން ޕީޕީއެމްއިން ރޫޅާލީ ޖޭޕޯގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވުމުންނެވެ.
ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ޕީޕީއެމުން ބުނަމުން ދިޔަ ނަމަވެސް އެފަދަ ދައުވަތެއް އެ ޕާޓީއަށް ލިބިފައި ނުވާކަމަށާއި ޖޭޕީއާއެކު މަޝްވަރާކުރަން ތައްޔާރު ކަމަށް ބުނާ ވާހަކަތައް އޮންނަނީ ހަމަ އެކަނި ނޫސްތަކުގައި ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
އޭނާ މީގެ ކުރިން ވިދާޅުވެފައިވަނީ މަޝްވަރާކުރުމަށް ޕީޕީއެމުން މިހާތަނަށް ރަސްމީ ދައުވަތެއް ލިބިފައި ނުވާކަމަށާއި، ޕީޕީއެމްއިން މަޝްވަރާކުރަން ނިންމާފައި ވަނީ ކޮންގޮތަކަށް ކަމެއް ވެސް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ