ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ހިފެހެއްޓުމުގައި އުފުލަންޖެހޭ ޒިންމާ ވަރަށް ބޮޑު: ގާސިމް

ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ހިފެހެއްޓުމުގައި އުފުލަންޖެހޭ ޒިންމާ މިއަދު ވަރަށް ބޮޑު ކަމަށާއި މިނިވަން ދުވަހެއްގައި އަޅުގަނޑުމެން އެންމެން ކަނޑައަޅަންވީ އަަޒުމަކީ އެއްވެސް ފަރާތަކުން ބަނަ ދުވަސްތަކެއް އަޅުގަނޑުމެންގެ މައްޗަށް ގެނެސްގަތުމަށް ފުރުސަތު ނުދިނުން ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވުމަށް މިއަދު ނެރުއްވި ބަޔާނުގަ އެވެ.
ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވީ ދުނިޔެ މިއަދު ދެކެމުންދާ ބަދަލުތަކާ އެއްބަޔެއްގެ މައްޗަށް އަނެއްބަޔެއްގެ ނުފޫޒާ ބާރުވެރިކަން ފޯރުވުމަށް މަސައްކަތްކުރަމުންދާއިރު ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ހިފެހެއްޓުމުގައި އަޅުގަނޑުމެން އުފުލަންޖެހޭ ޒިންމާ މިއަދު ވަރަށް ބޮޑު ކަމަށެވެ. އަދި އިސްލާމްދީނާއި ގައުމީ މަސްލަހަތު އިސްކޮށް އިހުލާސްތެރިކަމާ ތެދުވެރިކަމާއި އެއްބައިވަންތަކަން ކުރިއަށް ނެރެ އަމިއްލަ އެދުމާއި ބަދަލު ހިފުމާއި ކެހިވެރިކަން އެއީ ދިވެހިންގެ ގައުމީ ދަތުރުގެ އާރުކާޓީންގެ ކޮއްތު ދަރު ބޯފެންކަމުގައި ނުހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގެ އެންމެ އެވޭލާ ތާރީހުތަކުން ފެށިގެން މިއަދާ ހަމަޔަށްވެސް ފެންނަންއޮތް އެންމެ ބޮޑު ހަގީގަތަކީ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރި އަމިއްލަވަންތަ ބައެއްކަން. އެ މިނިވަންކަން ނަގައިލުމަށް ދުޝްމިނުން މި ގައުމާ ތޮޅުނު ކޮންމެ ފަހަރަކުމެ ހިތްވަރުގަދަ ދިވެހި ފަހުލަވާނުން ޖާނާއި މާލުން ގުރުބާންވެ އަތްވާ ވާރޭގައި އެއްގަމާ ކަނޑުގައި އެތައް މަހަކާ އެތައް އަހަރަކު ޖިހާދުކޮށް އަޅުވެތިކަމުގެ ނޭއްގާނީ ވަކިތަކުން މި ދީބު ސަލާމަތްކޮށްދީފައިވޭ. އެހިތްވަރާއި ނަސީބު ދިވެހިންނަށް ލިބުނީ އިސްލާމްދީނުގައި ސާބިތުވެ ތިބުމުން. ބޭރުގެ ރޭވުންތަކާއި ނުފޫޒުތަކުގެ މައްޗަށް ހެއްލުންތެރިނުވެ ތިބުމުން. ފަސާދައިގެ ނުރައްކާ ރޯޅިން ސަލާމްތަވެ ތިބުމުން،" ބަޔާނުގައިވެ އެވެ.
ގާސިމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެން މިއަދު މިތިބީ ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ގާނޫނުއަސާސީއެއްގެ ހިޔަލުގައި ކަމަށެވެ.
އެ ގާނޫނުއަސާސީ ވުޖޫދަށް ގެނެވުނު ސަބަބާ ރޫހު ހަނދާން ނައްތާލައި، ހުރިހާ ބާރެއް އެއް މުށެއްގެ ތެރެއަށް ޖަމާކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ އިންތައް ހަނިކޮށް، ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން ބޭތިއްބުމުގެ ސަގާފަތަށް ރުޖޫއަކުރުމަށް އެއްވެސް ބަޔަކު މަސައްކަތްކުރާނަމަ އަޅުގަނޑުމެންނަށް އެ އިޚްތިޔާރުކުރެވެނީ އަޅުވެތިކަމާއި ނާމާންކަމުގެ މަގު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ގައުމީ ނާ އެ ދީލައިލެވެނީ އަޅުގަނޑުމެން އެދިއެދިތިބި މިނިވަންކަމުގެ މިސްރާބާ ފެޔަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ. އެހެންކަމުން އެކަމުގެ ނަތީޖާއަކަށްވާނީ ހީވެސް ނުކުރާހާ ދަށު ދަރަޖައަށް ގައުމުގެ ހާލަތު ވެއްޓި ނޭނގިތިއްބާ ފުރެއްދެ ބާރުތަކުގެ ނުފޫޒާ މަޖުބޫރު ކުރުންތައް މި ގައުމުގެ މައްޗަށް ގަދަވެގަތުން ކަމަށްވެސް ގާސިމް އިބްރާހީމްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ