ޗެނަލްތައް ބޮއިކޮޓް ކުރާ ވާހަކަތައް އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދައްކަވަމުން ގެންދަވަނީ ރިޔާސީ ބަހުސްގައި ބައިވެރި ނުވުމަށް ކަމަށް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ބުނެފި އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ބޮއިކޮޓް ކުރާނެ ކަމަށް ބުނަމުން ދަނީ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް އެއް ބާއްވަން ތައްޔާރުވަމުން އަންނަ ޗެނަލްއެއް ކަމަށެވެ. އަދި އެޗެނަލް ބޮއިކޮޓް ކުރާނެ ކަމަށް ބުނަމުން ދަނީ ދުރާލާ ރޭވިގެން ހިންގަމުން އަންނަ ކަންތައްތަކެއްގެ ތެރެއިން ކަމަށް ވެސް ނާފިޒް ވިދާޅުވިއެވެ.
ޗެނަލްތައް ބޮއިކޮޓް ކުރަނީ ރިޔާސީ ބަހުސްގައި ބައިވެރި ނުވާން ކަމަށް ނާފިޒް ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި މެދު ޓީވީއެމްގެ "ސިޔާސަތު" ޕްރޮގުރާމްގައި އިހާނެތިކޮށް، އަދި ރޭވިގެން ޒާތީ ގޮތްތަކަކަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ޓީވީއެމް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު އެޕާޓީން އިއްޔެ ވަނީ ދީފައެވެ.
"ކުރިޔަށް އޮންނަ ރިޔާސީ ކެންޑިޑޭޓުގެ ޑިބޭޓުގައި ބައިވެރި ނުވާ ފަރާތަކީ މިޒަމާނުގައި ޑިމޮކްރަޓިކް އުސޫލުތަކާއި ތަހުޒީބު ހަމަތަކުގެ މަތީން ރާއްޖޭގެ ވެރިކަން ކުރުމުގައި ގާބިލުކަން ހުރި ބޭފުޅެއް ކަމުގައި އަޅުގަނޑުމެންނެއް ނުދެކެން... އެބަހުސްގައި ބައިވެރި ނުވެވޭ ކެންޑިޑޭޓެއް ނުވަތަ އެކަމުން ރެކުމަށްޓަކައި ނުވަތަ އެކަމުން ސަލާމަތް ވުމަށްޓަކައި މާދުރާލާ މިކަން ކުރެވޭ ކަމަށްވަންޏާ އެއީ ހަމަ އަޅުގަނޑުމެންގެ ކަންބޮޑުވުން ހުރިކަމެއް،" ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އަށް އިޝާރާތް ކުރައްވަމުން ނާފިޒު ވިދާޅުވިއެވެ.
ޓީވީއެމްއިން ރިޔާސީ ބަހުސްއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަން އެޗެނަލް ހިންގަމުން އަންނަ އެމްބީސީގެ ތަރުޖަމާން އަބްދުﷲ ރަމީޒް ވަނީ ސީއެންއެމްއަށް ޔަގީން ކޮށްދީފައެވެ. ރަމީޒް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ އިތުރުން ރަނިންމޭޓުންގެ ބަހުސްއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ހުރިހާ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ބޮއިކޮޓް ކުރާ ވާހަކަ ދައްކަނީ ރިޔާސީ ބަހުސުން ރެކެން: ނާފިޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ