ނައިފަރު ދާއިރާގެ އިންތިހާބު ބާތިލްކުރަން ކޮމިޝަނުން ދެކޮޅެއް ނުހެދި

ނައިފަރު ދާއިރާގެ އިންތިހާބު ބާތިލްކުރަން ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ދައުވާއަށް އިންކާރު ނުކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި މިއަދު ބުނެފި އެވެ.
ނައިފަރު ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ދައުވާ ހުށަހެޅީ އެޕާޓީގެ ގާނޫނީ ވަކީލް މުހައްމަދު ހަލީމް އެވެ.
އޭނާ ވިދާޅުވީ ނައިފަރު ދާއިރާގެ އިންތިހާބު ކާމިޔާބުކުރައްވާފައިވާ އަހްމަދު ޝިޔާމްގެ ފަރާތުން ކެމްޕޭންކުރުން މަނާގަޑީގައި ކެމްޕޭންކޮށް އެސްއެމްއެސްތަކެއް ފޮނުވާފައިވާ ކަމަށާއި އެންޓި ކެމްޕޭން ވެސް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަނުން ތާއިދުކުރަނީ ޝިޔާމަށް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ޖޭޕީގެ ކެންޑިޑޭޓް އަހުމަދު މުހައްމަދު އަދި ޕީޕީއެމްގެ ނަމުގައި ވެސް ދޮގު އެސްއެމްއެސްތައް ފޮނުވާފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ.
މައްސަލަ ސާބިތު ކުރުމަށް އެސްއެމްއެސްތަކާއި ދެ ހެކިވެރިއަކު އޭނާ ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.
އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށްފަހު މިހާރު ޕީޕީއެމާއި ގުޅިވަޑައިގެންފައިވާ ޝިޔާމާ ވާދަކުރެއްވީ ސަރުކާރުގެ ކޯލިޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު މުހައްމަދު އެވެ. އޭނާއަކީ މިހާރު ވެސް ނައިފަރު ދާއިރާގެ މެންބަރެވެ.
ޖޭޕީގެ ވަކީލް ދައުވާ ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ޖޭޕީން ދައުވާގައި ފާހަގަކުރާ މައްސަލަތައް އެޕާޓީން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ޖޭޕީން ފާހަގަކުރާ މައްސަލަތަކާއި މެދު ކޮމިޝަނަށް ގޮތެއް ނިންމިފައި ނުވަނީ އެމައްސަލަތަކަކީ އެހެން މުއައްސަސާތަކެއް މެދުވެރިކޮށް ކަމުގެ ހަގީގަތް ހޯދަންޖެހޭ މައްސަލަތަކަކަށްވާތީ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ޖޭޕީން ހުށަހަޅާފައިވާ މައްސަލައިގައި ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް އެދިވަޑައިގަންނަވަމުން ސުއޫދު ވިދާޅުވީ ޖޭޕީން ބުނާ އެސްއެމްއެސްތައް ލިބުނީ ކިހާ މީހުންނަކަށް ކަން ތަހުގީގެއް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ. މަނާގަޑިތަކުގައި އެސްއެމްއެސްކޮށްފައިވާނަމަ އެއީ ކެމްޕޭންކުރުމުގެ އުސޫލާ ހިލާފު އަމަލަކަށްވާތީ އެކަން ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވާހަކަދެއްކެވި އެ ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓުގެ ހެޑް ހަނީފާ ހާލިދު ވިދާޅުވީ ޖޭޕީން ފާހަގަކުރާ އެސްއެމްއެސްތައް ފޮނުވާފައި ހުރީ މަނާގަޑިތަކުގައި ކަން ޔަގީންކުރެވިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ބަލައިދިނުމަށް ފަނޑިޔާރުންނަށް ވެސް ދަންނަވާފަ އެވެ.
ފަނޑިޔާރުންގެ ބެންޗުން މިއަދު ވަނީ ޖޭޕީގެ ވަކީލާ ބައެއް ސުވާލުތައް ވެސް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން ޖޭޕީން ފާހަގަކުރާ އެސްއެމްއެސްތަކުގައި ބުނާ ގޮތަށް ވޯޓު ނުދީފިނަމަ ވާނެ ގެއްލުމެއް އެބައޮތްތޯ ސުވާލުކުރެއްވުމުން ހަލީމް ވިދާޅުވީ އެފަދަ ވާހަކައެއް އެސްއެމްއެސްތަކުގައި ނެތް ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ހެއްކަކު ހާޒިރުކުރަން ނުޖެހިއްޖެނަމަ ދެން އޮންނަ އަޑުއެހުމެއްގައި މިމައްސަލައިގައި ހުކުމްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ