ކްލައިމޭޓް ޗޭންޖް އެމްބެސަޑަރުގެ މަޤާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގެންފި

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ފޯރަމެއް ކަމުގައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ "ތީމެޓިކް އެމެބެސެޑަރ"ގެ މަޤާމާ ރާއްޖޭގެ ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ހަވާލުވެވަޑައިގެން އެ މަޤާމުގެ މަސައްކަތް ފައްޓަވައިފިއެވެ. ރޭ ރައްޔިތުން މަޖިލިހުގެ އިދާރާއިން ބުނި ގޮތުގައި ތީމެޓިކް އެމްބެސެޑަރުކަމުގެ މަޤާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގެން މަޤާމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ރިޔާސަތާއި އެ ފޯރަމުގައި ހިމެނިވަޑައިގަންނަވާ ބަންގުލަދޭޝަގެ އިސް ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައިފައިވެއެވެ. އެގޮތުން ރައީސް ނަޝީދު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެ ފޯރަމުގައި ރިޔާސަތު ބެލެހެއްޓެވި ޑރ.ޢަބްދުލްކަލާމް އާޒާދާއި ބަންގުލަދޭޝްގެ ތިމާވެއްޓާ ބެހޭ ވުޒާރާގެ އިސްވެރިން ހިމެނިވަޑައިގެންނެވިއެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމް ވުޖޫދުކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ ޤައުމުތައް ގުޅިގެން 2009 ވަނަ އަހަރުގައެވެ. މި ފޯރަމް ވުޖޫދަށް ގެނައުމުގައި ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި މަޖިލިހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ނަޝީދާ ފޯރަމުގެ ކުރީގެ ރައީސް ޑރ.ޢަބްދުލް ކަލާމުވަނީ މި ފޯރަމް އުފެއްދުވުމުގައި ނަޝީދު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ތީމެޓިކް އެމްބެސަޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ މައިގަނޑު މަސައްކަތްޕުޅަކީ ޕެރިސް އެގްރިމެންޓުގައި ހިމެނޭ ކަންކަން މި އަހަރުގެ ނިޔަލަށް ތަންފީޒުކުރުމަށް ޤައުމުތަކަށް ބާރުއެޅުއްވުމަށެވެ. އޭގެ އިތުރަށް އެ އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ ސައްތައިން ސައްތަ އިއާދަކުރަނިވި ހަކަތައަށް ހަދަން މަސައްކަތް ކުރަން ބާރުއެޅުއްވުމަކީވެސް އެ މަޤާމުގެ ޒިންމާއެކެވެ. އަދި މި މަޤާމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވާނީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަކަށް ކަމުގައިވެސް ރައްޔިތުން މަޖިލިހުގެ އިދާރާއިން ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ