ގައުމަށް ދާން ނަން ނޯޓުކުރަން ކަމަށް ބުނެ އެއްވި ބިދޭސީންތަކެއް ފުލުހުން ފޮނުވާލައިފި

ގައުމަށް ދާން ބޭނުންވާ މީހުން ނަން ނޯޓު ކުރަން ދާން ބަޔަކު އެންގި ކަމަށް ބުނެ ގަލޮޅު ދަނޑު ކައިރިއަށް މިއަދު ހެނދުނު އެއްވި ބިދޭސީންތަކެއް ފުލުހުން ގޮސް ފޮނުވާލައިފި އެވެ.
ހެނދުނު ނުވައެއް ޖަހާކަންހާއިރު، ގަލޮޅު ދަނޑުކައިރި އަށް ސަތޭކައެއްހާ ބިދޭސީން އެއްވިއިރު، އޭގެ ތެރޭގައި ގިނައީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.
"މިހާރު" އާ ވާހަކަ ދެއްކި ގިނަ މީހުން ބުނީ އެ މީހުން އެއްވީ މުޒާހަރާ ކުރުމަށް ނޫން ކަމަށެވެ. އެ މީހުންގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހުއްޓިފައިވާ މި ދަނޑިވަޅުގައި އެއްވެސް މަސައްކަތެއް ނެތުމުން، ގައުމަށް އެނބުރި ދާން ނަން ނޯޓު ކުރުން ކަމަށް ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ މީހުން އެ ތަނަށް އެއްވި އެވެ. އެ ދުވަހު އެ މީހުންނަށް އެންގީ، ނަން ނޯޓު ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ.
ގައުމީ ދަނޑު ކައިރިއަށް އެއްވި ބިދޭސީން އެ ސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ގަލޮޅު ދަނޑު ކައިރިއަށް ދާން އެ މީހުންނަށް އެންގީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީން ވެސް ބުނީ، ނަން ނޯޓު ކުރުމުގެ އެއްވެސް ޕްރޮގްރާމެއް ނުހިންގާ ކަމަށެވެ.
ދަނޑު ކައިރިއަށް އެއްވި ބިދޭސީން، އެ ސަރަހައްދުން ދުރަށް ދާން ތަކުރާރުކޮށް އެންގުމުން ވެސް ނުދިޔުމުން ފުލުހުން ވަނީ އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކޮށްފަ އެވެ.
ދަނޑު ކައިރިއަށް އެއްވި ބިދޭސީން އެ ސަރަހައްދުން ނުދިއުމުން، އެ ސަރަހައްދުން ގެންދިޔަ ބައެއް ބިދޭސީން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
އޭގެ ތެރެއިން ބައެއް މީހުން ބުނިގޮތުގައި، މަސައްކަތެއް ނެތުމުން މުސާރަ ނުލިބޭތާ ހައެއްކަ މަސް ވެއްޖެ އެވެ . ބަންގްލަދޭޝް އަށް އަނބުރާ ދާން ބޭނުން މީހުން ނަން ނޯޓު ކުރަން އެންގުމުން، މީގެ ކުރިން ވެސް ނަން ނޯޓު ކުރި ކަމަށާއި ނަމަވެސް އޭގެ ފަހުން ޖަވާބެއް ނުލިބޭ ކަމަށް ބުންޏެވެ. މުސާރަ ނުލިބޭތީ އެ މީހުންގެ އާއިލާ އަށް ފޮނުވާނެ ފައިސާއެއް ނެތް ކަމަށް ވެސް ބުންޏެވެ.
"ކުއްޔަށް ދައްކާނެ ފައިސާ އެއް ނެތް، ކާނެ ފައިސާ އެއް ނެތް. އަހަރުމެން ބޭނުމީ އަނބުރާ ދާން ގައުމަށް،" މީގެ ފަސް އަހަރު ކުރިން ރާއްޖެ އައި ބިދޭސީއަކު ބުންޏެވެ.
Gaumah fonuvaidheyn edhi bidheyseenthakeh evvejje
Mihaaru
ގައުމަށް އަނބުރާ ފޮނުވައިދޭން އެދި މިދިޔަ މަހު ވެސް ބިދޭސީންތަކެއް ވަނީ ހީނާމާގޭ ޕާކިން ސަރަހައްދަށް އެއްވެފަ އެވެ. އެ ފަހަރު ވެސް އެ މީހުން އެދުނީ މަސައްކަތެއް ނެތް މި ދުވަސްވަރުގައި، ރާއްޖޭގައި ބޭތިއްބުމުގެ ބަދަލުގައި އެ މީހުންގެ ގައުމަށް ފޮނުވައި ދިނުމަށެވެ.
ގައުމަށް ދާން ބޭނުންވާ ބިދޭސީން ފޮނުވައިލުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ