ޔާމީނަކީ އަތޮޅުތެރެ ތަރައްޤީވާން ބޭނުން ނުވާ މީހެއް: ނިޒާރު

އަތޮޅުތެރޭގެ ރަށްތައް ތަރައްޤީވާން ބޭނުން ނުވާ އެތައް ބަޔަކު މިސަރުކާރުގައި އެބަ ތިބި ކަމަށާއި ރައީސް ޔާމީނަކީ އޭގެ ތެރެއިން ހައްދު ފަހަނައަޅާފައިވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ނިޒާރު ވިދާޅުވީ އަތޮޅުތެރޭގެ ތަރައްޤީއަށް މިސަރުކާރުން ގެންގުޅޭ އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި އަތޮޅު ތެރޭގެ ތަރައްޤީއަށާއި އަތޮޅުތެރޭގައި މިނިވަން އިޤްތިސޯދެއް އޮވެ، ޒުވާނުން އަމިއްލަ ރަށުގައި ތިބެ މަސައްކަތްކޮށް އާމްދަނީ ހޯދުމަށް މިސަރުކާރުން ކޮށްފައިވާ އެއްވެސް ޕްލޭނެއް މިހާތަނަށް ނެތް ކަމަށެވެ. 
ނިޒާރު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސް ރަށްރަށުގައި ގެސްޓް ހައުސް އެޅުމުގެ ސިޔާސަތެއް ގެނައި ކަމަށާއި މާފުށި، ރަސްދޫ އަދި ހިންމަފުށިފަދަ ރަށްރަށަށް އަރާ ބެލުމުން އެކަމުން ލިބިފައިވާ ކުރިއެރުން ފެނިގެންދާނެ ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް ރައީސް ޔާމީންގެ ސަރުކާރުން ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީއަށް އިޝާރާތް ކުރައްވާ ވިދާޅުވީ އައްޑޫއަކީ މާލެ ފިޔަވާ އެންމެ ބޮޑު އާބާދީ ކަމަށާއި އެންމެ ގިނައިން ޒުވާނުން ކިޔަވައިގެން ނުކުންނަ ތަނަކީ އެއީ ކަމަށެވެ. ނަމަވެސް ތަރައްޤީގެ ގޮތުން އައްޑޫ ރައްޔިތަކަށް މިނިވަންކަމާއެކު އުޅެވޭނެ ސިޔާސަތެއް ރައީސް ޔާމީންގެ ދައުރު ނިމިގެންދާއިރު ލިބިފައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ. 
ނިޒާރު ވިދާޅުވީ ބޮޑެތި ލޯނު ނަގައިގެން ޚަރަދުކޮށްގެން މިކުރާ ކަންކަމުން ރައްޔިތުންނަށް ކުރާ މާބޮޑު ފައިދާއެއް ފެނިގެން ނުދާ ކަމަށެވެ.
"އަތޮޅުތައް ތަރައްޤީވުމުގެ މަންޒަރު އެއީ އެމީހުންނަށް ޤަބޫލް ކުރެވޭ ސިޔާސަތެއް ނޫން. އެކަހަލަ މީހުން އުޅޭނެ. އޭގެ މީހެއް ޔާމީނަކީ. އޭގެ ތެރެއިން ހައްދުފަހަނައަޅާފައި ހުރި މީހެއް ޔާމިން އަކީ. އަތޮޅުތެރެ ތަރައްޤީވާން ބޭނުން ނުވާ މީހެއް ޔާމީނަކީ" އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކަކީ ކުރަން ޖެހޭ ކަންކަމަށްވީ ނަމަވެސް އެއީކީ މިވަގުތައް އެގޮތަށް ކުރަން އެންމެ ރަނގަޅު ކަންކަން ނޫންކަމަށެވެ. އެފަދަ މަޝްރޫއުތައް ހިންގަނީ ކޮންމެހެން ތަރައްޤީ ކުރަން ނޫން ކަމަށާއި އެއީ އަމިއްލަ ޖީބަށް ލިބޭ އެއްޗެއް ބޮޑު ކުރަން ހިންގާ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އެފަދަ ކަންކަމަށް މިހާތަނަށް ކޮށްފައިވާ ޚަރަދަކީ އެކަމަކާ ނުބައްދަލު ޚަރަދު ކަމަށާއި އައިޖީއެމްއެޗް އިމާރާތުން އެކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ. އެއިމާރާތަކީ އެކަމަށް ޚަރަދުކޮށްފައިވާ ފައިސާއަށްވުރެ މާކުޑަކުޑަ ތަނެއް ކަމަށާއި ބްރިޖްގެ މަޝްރޫއަކީވެސް އެފަދަ މަޝްރޫއެއް ކަމަށް އޭނާ ފާހަގަކުރެއްވެވި އެވެ، އަދި އެއީ އިންތިޚާބުގައި ނާޖާއިޒް ކަންތައްތަކެއް ކުރުމަށް ފައިސާ ހޯދަންކުރާ ކަންތައްތަކެއްކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
"މިހިނގާ ކޮންމެ ޕްރޮޖެކްޓެއްގެ ތެރެއިން އަޅުގަނޑުމެންނަށް އަޑު އެބައިވޭ ކޮރަޕްޝަންގެ ކަންތައްތައް ހިނގާކަމުގެ. އިންތިޚާބާ ކައިރިކޮށް މިވަރުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ މީގެން އެއްޗެއް ބާކީ ކޮށްލައިގެން އިންތިޚާބަށް ޚަރަދު ކުރުން،" ނިޒާރު ވިދާޅުވިއެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ