ރައީސް ޔާމީން 2018 ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފި

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިން ޙަރަކާތްތަކަށް ބޭނުން ކުރާ "ރައީސް ޔާމީން 2018" ކެމްޕެއިން އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ކުރީގެ ވެސްޓު ޕާކު ސަރަހައްދުގައި ހުޅުވި މި ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ އެކަމަށް ބޭއްވި ހާއްސަ  ރަސްމިއްޔާތެއްގައި ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
ކެމްޕެއިން އޮފީސް ހުޅުވައިދެއްވުމަށް ފަހު ކެމްޕެއިންގައި ބޭނުން ކުރާނެ ބައެއް ފްރޮމޯ ވިޑިއޯތަކާއި، ކެމްޕެއިން ލަވަތައް ވެސް މިރޭ ވަނީ ދައްކާލާފައެވެ.
ރައީސް ޔާމީން 2018 ކެމްޕެއިން އޮފީސް މިރޭ ހުޅުވިއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޕީޕީއެމް އިން ވަނީ ލަންކާގައި ވެސް އެ ޕާޓީގެ ޖަގަހައެއް ހުޅުވާފައެވެ. އަދި މާފަންނުގައި ވަނީ "ފިޔާތޮށި" ޖަގަހައިގެ ނަމުގައި ޕީޕީއެމްގެ ޖަހައެއް ހުޅުވާފައެވެ.
2018ގެ އިންތިހާބު ކައިރިވަމުން އަންނަ އިރު، ޕީޕީއެމް އިން ދަނީ ދުރާލައި ރައީސް ޔާމީންގެ ކެމްޕެއިންގެ ކަންތައް ރާވައި އިންތިޒާމު ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ޖަގަހަތަކާއި އޮފީސްތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. ކެމްޕެއިންގެ ހަރަކާތްތައް ހިންގުމުގައި މެޑަމް ފާތުންގެ އޮފީހުން ވެސް އިސްކޮށް ހަރަކާތްތެރި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ