ޕީޕީއެމް ބައެއް މެންބަރުން ޖުމްހޫރީ ޕާޓީ އަށް ގެންދަން އާދޭސް ކުރަމުންދާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ގާސިމް މިހެން ވިދާޅުވީ ރޭ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ގާސިމު ވިދާޅުވީ އިސްލާހީ ހަރަކާތްތަކާ އެމަނިކުފާނު ދުރުވެއްޖެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރަމުންގެންދަވާ ވެރިކަން ކުރާ ޕީޕީއެމް ގެ މެންބަރުން ކަމަށްވާ އަބްދުއްރަހީމާއި، ނިހާނާއި، ޚަލީލު އަދި އަލީ އާރިފް އަކީ ރައީސް ޔާމީން ގެންގުޅުއްވާ "ތާޅަފިލިތަކެއް" ކަމަށެވެ.
"ރައީސް ޔާމީންގެ އުނދަގޫ ބޮޑުވެގެން އެބޭޕުޅުން އަޅުގަނޑު ގާތު ކިޔާތާ ކިތަންމެ ދުވަހެއް. ޔާމީނުގެ އުނދަގޫ ބޮޑުކަމުން، އުޅެވޭ ވަރެއްނުވެޔޭ، މިއީ އުޅެވޭވަރު ތަނެއްނޫނޭ، ޖޭޕީއަށް ގެންދެބަލާށޭ ކިޔާތާ ކިތަންމެ ދުވަހެއް. ގާސިމަށް އެއްޗެއްހި ކިޔުއްވަނީ ކިޔާށޭ ބުނެގެންނޭ، ތިމަންނާމެން ބޭނުންވެގެންނެއް ނޫނޭ" ގާސިމް ވިދާޅުވިއެވެ.
" އެބޭފުޅުނަކީ ތާޅަފިލިތަކެއް. އެއީ ތެދު ވާހަކައެއްނޫން، އަދުރޭ ދައްކާ ވާހަކަ ކުޑަކުއްޖެއްވެސް ގަބޫލެއް ނުކުރާނެ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިސްވެހުރެ ވެރިކަން ވައްޓާލަން އުޅުނު ކަމަށާއި، އެކަމުގެ އަޑީގައި ހުންނެވީ ގާސިމް އިބްރާހިމް ކަމަށް ވިދާޅުވެ މިނިސްޓަރ ތޯރިގު ދައްކަވާ ވާހަކަތަކާ ގުޅިގެން ގާސިމް ވިދާޅުވީ "އަޑީގައި ހުރެގެން ބޮޑެތި ކަންތައްތަކެއް ނުކުރެވޭނޭ ކަމަށާއި، ބޮޑެތި ކަންތައްތައް ކުރެވޭނީ އުހުގައި ހުރެގެން " ކަމަށެވެ.
ގާސިމު ވިދާޅުވީ ސަރުކާރުން އެމަނިކުފާނުގެ ހުރިހާ ދަރިން ޖަލަށްލައި، ވިޔަފާރި ހަލާކުކޮށްލިޔަސް، އެއީ ރާވައިގެން ކުރާ ކަމެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.
ޕީޕީއެމްގެ ބައެއް މެންބަރުން ޖޭޕީ އަށް ގެންދަން އަޅުގަނޑު ކައިރީ ދަނީ އާދޭސް ކުރަމުން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ