މެމްބަރު މުބީން އިސްލާހީ ހަރަކާތާ ގުޅޭނެ، ރައީސް ޔާމީން ގިނިކަންޏާ ވާނެ: މުހައްމާ

ސަރުކާރުގެ ބައެއް ސިޔާސަތުތައް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ގަބޫލުނުކުރައްވާ ކަމަށާއި އިސްލާހީ ހަރަކާތާ އޭނާ ގުޅިވަޑައިގަންނަވާނެ ދުވަސް އަންނާނެ ކަމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެ އެވެ.
މުހައްމާގެ މި ތުހްމަތާ ގުޅޭ ގޮތުން މުބީނުގެ ބަހެއް ނުލިބުނެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ ކުރިން ޖޭޕީގައި އުޅުއްވުމަށް ފަހު ޕީޕީއެމްއާ ގުޅިވަޑައިގެެންނެވި މުބީންއާ ދިމާވެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު، މުބީންގެ ބައެއް ވިސްނުންތައް ސަރުކާރާ މުޅިން ތަފާތު އެނގިވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ޔާމީން ގާނޫނާ ހިލާފު ކަންކަން ކުރައްވާ ކަމަށް [މުބީން] ގަބޫލު ކުރައްވާ. ރައްޔިތުންގެ މަޖިލީހަށް ހުރަސް އެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ، ކޯޓްގެ ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ،" މެމްބަރު މުބީންގެ ވިސްނުންފުޅު ހުރި ގޮތް މުހައްމާ ކިޔައިދެއްވި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ބައެއް މެމްބަރުން ސަރުކާރާ ގުޅޭނެ ކަމަށް އަޑުތައް ފަތުރަމުން ދާއިރު، ކުރިން ޕީޕީއެމްގައި ހުންނެވުމަށް ފަހު ރައްޔިތުންގެ އިސްލާހީ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި މުހައްމާ ވިދާޅުވީ ސަރުކާރަށް ދާނެ އެއްވެސް މެމްބަރަކު ނުވާނެ ކަމަށާއި އޭގެ ބަދަލުގައި "ވަޒީރުންނާއި ކޯޑިނޭޓަރުން އިސްލާހީ ހަރަކާތާ ގުޅޭނެ" ކަމަށެވެ.
"އަދި އެ މީހުން މަޑުކޮށްލައިގެން ތިބީ. ހައްގަށް ނަސްރު ލިބޭ،" މުހައްމާ ވިދާޅުވި އެވެ.
ސަރުކާރުގެ އަނިޔާވެރިކަން އިތުރުވަމުންދާތީވެ، ސަރުކާރު ދޫކޮށް އަންނަ ބޭފުޅުން އިތުރުވެ، ރައީސް ޔާމީނާއެކު ހައެއްކަ މެމްބަރުން ތިއްބަވާނެތަން ފެންނާނެ ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ގިނި ކަންޏާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓިތަކުގައި ތިއްބެވި މަޖިލީހުގެ މެމްބަރުންނާއި ގޮނޑި ގެއްލުވާލި 12 މެމްބަރުން ސަރުކާރަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެ އަމަލަކީ ރިޝްވަތު ނޫން އެހެން އެއްޗަކަށް ނުވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.
"އެ ބޭފުޅުންނާއެކު ކޮފީއަކަށް އެރީމާ، ރަނާއި ޖަވާހިރު ދޭނެކަންނޭނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ދޫކޮށް މެމްބަރުން އިސްލާހީ ހަރަކާތާ ގުޅިވަޑައިގަތީ ސަރުކާރުގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅައި ދިއުމުން ކަމަށާއި، ރައްޔިތުން އިންތިހާބުކުރި ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެއްވެސް ސިފައެއް ރައީސް ޔާމީންގެ ނެތް ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ