އެމްޑީޕީގެ ވެރިކަމުގައި މައުމޫން ޖަލަށް ލުމަށް އެތަކެއް ޕްރެޝަރެއް އައި - ހަސަން ލަތީފު

އެމްޑީޕީ ސަރުކާރުގައި ރައީސް މައުމޫން ޖަލަށްލުމަށް އެތައް ޕްރެޝަރެއް އައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރައީސް މައުމޫން ޖަލަށްލުމަށް އެތައް ޕްރެޝަރެއް އައި ކަަމަށާއި ނަމަވެސް އެކަން ނުކުރީ ގައުމުގެ ރައީސްކަން ކުރުމަށްފަހު މަގާމުން ވަކިވުމުން ދެން ހުންނަން ޖެހެނީ ޖަލުގައި ކަމަށް އޭރުގެ ވެރިންނަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އެމީހެއްގެ ވެރިކަމުގައި ހިންގާ ޖިނާއީ ކުށްތައް ބަލައި ޝަރީއަތް ކުރެވެން ޖެހޭނެ ކަމަށާއި ނަމަވެސް އެކަން ކުރަންޖެހޭނީ އިންސާފުން ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން އެއުމުރުފުޅުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓައިގެން ރައީސް ޔާމީން ކުރައްވާ ކަންކަން ވަރަށް ސާފު މިއީ އެމަނިކުފާނުގެ ހިތްހަމަޖެހުމަށް ކުރައްވާ ކަމެއް" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީއާ ބައިއަތު ހިއްޕަވައިގެން މިހާރު ހުންނެވި ކުރީގެ ރައީސް މަޢުމޫނަށް އެމްޑީޕީ ސަރުކާރުގައި ހެއްދެވި ގޮތަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ "މުޅި މަގަށް ދުން ޖަހާފައި ރައީސް މައުމޫން ގެންދިޔައިރު" އެމަނިކުފާނު ވެސް އަލިވާގޭގައި ހުންނެވި ކަމަށާއި "މީހުންނަށް ކަންތައްތައް ހަނދާން ކޮށްދިނުމަކީ އިންސާނީ ސުންނަތެއް." ކަމަށެވެ.
"މިދައްކަނީ 12 ވަނަ ގަރުނު ނުވަތަ 13 ވަނަ ގަރުނުގެ ވާހަކައެއް ނޫން. މިއީ ދެތިން އަހަރު ކުރީގެ ވާހަކައެއް." ރައީސް ޔާމީން ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދާއި ރައީސް މައުމޫން މިފަހުން މަސައްކަތް ކުރައްވަމުން ދަނީ އެކުގަ އެވެ. އަދި އެ ދެ ބޭފުޅުން ވަނީ މާޒީގައި ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
އަނިޔާއާ ދެކޮޅަށް އެމްޑީޕީން މީގެކުރިން މަގުތަކަށް ނުކުމެ އަޑު އުފުލި ނަމަވެސް މިއަދު އެކަން ކުރަން ނުކުޅެދިފައިވަނީ އިދިކޮޅުގައި ރައީސް މައުމޫން ހުންނެވުމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ