ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން އަނެއްކާވެސް ދައުވާކޮށްފި

ޕީޕީއެމްގެ އެންމެ އިސް ފަރާތަކީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް ކޯޓުން ނިންމާފައިވަނިކޮށް، ޕާޓީގެ ރައީސް ކަމަށް މައުމޫން އަނެއްކާވެސް ދައުވާކޮށްފިއެވެ. އިދިކޮޅު އިއްތިހާދުން ނެރުނު ސިޓީއެއްގައި ޕީޕީއެމްގެ ނަން ހިމެނި މައްސަލަ ކުށްވެރިކުރައްވާ އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ޕީޕީއެމްގެ ހައިސިއްޔަތު ބޭނުންކުރުމުގެ އެއްވެސް ހައްގެއް ރައީސް މައުމޫނަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އެހެން ކަމުން އެސިޓީން ޕީޕީއެމްގެ ނަން ނެގުމަށް އެޕާޓީން ގޮވާލައިފައިވަނިކޮށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތް ސާފުކޮށް ބަޔާން ކޮށްފައިވާކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް ވެސް ރައީސް މައުމޫނާ ބެހޭ ގޮތުން، ޕާޓީގެ ގައުމީ ޖަލްސާއިން މިފަދަ ނިންމުމެއް ނިންމާފައިނުވާތީ ރައީސްގެ ގޮތުގައި އަދި ހުންނެވީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.  މައުމޫން މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނު ޕާޓީގެ މެންބަރު ކަމުން ވަކިކުރުމަށް 26 މާޗް 2017 ގައި އެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ރައީސް މައުމޫން ޕާޓީން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަށް ނިންމީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބްރުންގެ އިއްތިފާގުންނެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވޭނީ ޕާޓީގެ މެމްބަރަކަށެވެ. ޕާޓީގެ މެމްބަރުކަމުން މައުމޫން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށާހަޅާފައިވާ އިރު މެމްބަރު ކަމުން ވަކިކޮށްފި ނަމަ ކޮންގްރެސްއަކަށް ނުގޮސް މައުމޫނަށް ޕާޓީގެ ރައީސްކަން ވެސް ގެއްލޭނެއެވެ.ޕާޓީގެ ސުލޫކީ ކޮމެޓީން މައްސަލަ ބެލުމަށް ފަހު މައުމޫން ޕާޓީން ވަކިކުރީ 27 މާޗް 2017 ގައެވެ. އެހެންކަމުން ޕީޕީއެމްގެ ރައިސް ކަމުގެ މަގާމުގައި މީގެކުރިން ހުންނެވި މައުމޫނަކީ މިހާރު ޕާޓީގެ ރައީސަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ