ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ނުދޭނެ ކަމަށާއި އަރިހުގައި ތިބި އެކުވެރިން މެދުވެރިކޮށް އޭނާގެ ވޯޓު ހޯދަން ނޫޅުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު ވިދާޅުވެއްޖެއެވެ.
ވޯޓު ނުދެއްވާނެކަމަށް އަރީފު ވިދާޅުވީ ރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކާއެކު މިހާރުވެސް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އަރީފު އެ ޓްވީޓުގައި ވިދާޅުވީ އެކުވެރިން މެދުވެރިކޮށް އަރީފަށް ދައްކަމުން ދަނީ އިބިލީސް އެމީހުންނަށް ދައްކަމުންދާ ދަޅަތަކެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ފޮރުވާ ނިވާފަތްގަނޑަކަށް އޭނާ އަށް ވެވެން ނެތް ކަމަށެވެ.
ހުސައިން އަރީފު އެހެން ވިދާޅުވެފައިވާ އިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ގަރާރު ފާސް ކުރުމަށް ގާނޫނު އަސާސީގައި ބުނެފައިވާ އަދަދަށް ވޯޓު ހޯދަން ސަރުކާރު ކޯލިޝަނުން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ވަނީ އެ ގަރާރަށް ވޯޓު ހޯދަން އިދިކޮޅު ބައެއް މެންބަރުންނަށް ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ބައެއް ވިޔަފާރިވެރިން އެކި ކަހަލަ ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް ބުނެފައެވެ.
"އެބަ މައުލޫމާތު ލިބޭ އިދިކޮޅުގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުންތަކެއް ލިބެމުންދާ ކަމުގެ، ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ސަރުކާރާއި ސަރުކާރަށް ތާއިދު ކުރާ ބައެއް ވިޔަފާރިވެރިން އަމަލުކުރަމުންދާ ކަމަށް،" އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީޕިއެމް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަކލުވުމެއްގައި ސަރުކާރު ކޯލިޝަންގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ އެ ގަރާރު ފާސް ކުރުމަށް ގާނޫނުގައި ބުނާ އިޖުރާއަތުތައް ފުރިހަމަކޮށް ގަރާރުގެ ވޯޓު ކާމިޔާބު ކުރާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ: މި ގާނޫނު އަސާސީގެ 86 ވަނަ މާއްދާ އެހެން އޮތް ކަމުގައި ވިޔަސް ރައްޔިތުން އެ މައްޗަށް ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރުމަށް ޓަކައި ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެހެން ކަމުން އެފަދަ ގަރާރެއް ހުށަހެޅުއްވޭނީވެސް މަޖިލީހުގައި 43 މެމްބަރުންގެ ހާޒިރުގައެވެ. އެކަމަކު އިއްޔެ އެ ގަރާރު ހުށަހެޅުއްވި އިރު އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓްކުރުމަށްފަހު ޖަލްސާގައި ބައިވެރި ނުވުމުން އެ ޖަލްސާގައި ތިބީ 39 މެމްބަރުންނެވެ.
ރައީސް އަބްދުﷲ ޔާމީނަށް ވޯޓެއް ނުދޭނަން: ހުސެއިން އަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ