ރީކޯ މޫސަގެ އަތުން ހަތަރު މިލިއަން ރުފިޔާ ހޯދުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ކެޓަޕިލާއިން ފުރުސަތެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އަތުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ކޮށްފައިވާ ދައުވާ ކޯޓުން ބޭރުގައި ހައްލުކުރުމަށް ފުރުސަތު ދެވެން ނެތް ކަމަށް ކެޓަޕިލާ ފައިނޭންޝަލް ސާވިސަސް އިން މިއަދު ސިވިލް ކޯޓުގައި ބުނެފި އެވެ.
މި މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ބޭނުންވާތީ ކެޓަޕިލާގެ ވަކީލާ ވާހަކަދެއްކުމަށް ގުޅުއްވަން މަސައްކަތްކުރެއްވި ކަމަށާއި ނަމަވެސް ގުޅޭނެ ނަމްބަރެއް ނުލިބިގެން އެކަން ނުކުރެވުނީ ކަމަށް މޫސަގެ ވަކީލު އަހްމަދު އަބްދުﷲ އަފީފް ކޯޓުގައި ވިދާޅުވި އެވެ. އަދި މައްސަލަ ހައްލުކުރުމަށް އެފަދަ ފުރުސަތެއް ބޭނުންވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
ނަމަވެސް ކެޓަޕިލާގެ ވަކީލް އިދުހާމް މުއިއްޒު ވިދާޅުވީ އިތުރު ފުރުސަތެއް ދޭން އެ ކުންފުނިން ބޭނުން ނުޥާ ކަމަށެވެ.
އިދުހާމް ވިދާޅުވީ މީގެ ކުރިން ވެސް މި މައްސަލަ ކޯޓަށް ވައްދާފައި ވަނިކޮށް ކޯޓުން ބޭރުގައި ހައްލުކުރުމަށް އެދުމުން މައްސަލަ ކޯޓުން ބޭރުކޮށްފައިވާ ކަމަށެވެ.
"އެއަށް ހުރުމަތް ތެރިކޮށް ނުހިތި ބޭފުޅަކު މައްސަލަ ހައްލުކުރުމަށް އިތުރު ފުރުސަތަކަށް އެދުނަސް އެކަން ހައްލުކުރެވި ދާނެ ކަމަކަށް ގަބޫލުކުރެވޭކަށް ނެތް،" މުއިއްޒު ވިދާޅުވި އެވެ.
ދައުވާ އަށް ޖަވާބު ދެއްވުމަށް މޫސަގެ ވަކީލަށް އެކަށީގެންވާ މުއްދަތެއް ދެވިއްޖެ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވި އެވެ. އަދި ކެޓަޕިލާގެ ވަކީލާ ގުޅޭނެ ނަމްބަރެއް ނުލިބިގެން އެކަން ނުކުރެއްވުނު ކަމަށް މޫސަގެ ވަކީލު ވިދާޅުވި ނަމަވެސް އެކަން ގަބޫލުނުކުރެއްވޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކެޓަޕިލާ ފައިނޭންޝަލް ސާވިސަސްގެ އޭޝިއާ ގޮފިން މޫސަގެ މައްޗަށް ދައުވާކޮށްފައި ވަނީ ހެވީލޯޑް މޯލްޑިވްސް އަށް ފެބްރުއަރީ ،19 2007 ގައި އެ ކުންފުނިން ދޫކުރި 700،000 އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާތީ އެވެ. ހެވީލޯޑްގެ ފަރާތުން އެ ލޯނަށް ގެރެންޓީ ދެއްވާފައި ވަނީ މޫސަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ