ސިފައިންނަށް ވޯޓު ނުލެވޭގޮތް ހަދަން އުޅެނީ ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރުމަށް: ރައީސް މައުމޫން

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހަދަން އުޅެނީ ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރުމަށް ކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ނެރެފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނ ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ޤާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވުވެފައިވާތީވެ، އެއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އެއްވެސް ކަމެއް ނިގުޅައި ގަތުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލު ކުރުމާއި ދިވެހިންނަށް ލިބިގެންވާ ޙައްޤު ތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް ޤާނޫނު އަސަސީ ގެ 18 ވަނަ މާއްދާއިން ވާޖިބު ކުރާކަމެއް ކަމަށެވެ. އަދި ދިވެހިރާޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މަތިވެރި މަސައްކަތް މަތިކޮށްފައިވާ އެންމެ މުހިންމު އެއްބަޔަކީ ދިވެހި ރާއްޖޭގެ ދިފާޢީ ބާރު ކަމުގައި ވާ ދިވެހިރާއްޖޭގެ ފަޚުރުވެރި ސިފައިންނާއި ކަމަށާއި ދިވެހި ސިފައިންނަށް ޤާނޫނޫ އަސާސީ އިން ވެސް ލިބިދީފައިވާ ހައްޤެއް ނިގުޅައިގަތުމަށް މަސައްކަތް ކުރުމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ލިބިދީފައިވާ މިނިވަންކަން ހަނިކުރުން ކަމުގައި ނޫނީ ނުވާނެ ކަމުގައި އެ ބަޔާނުގައި ވެ އެވެ.
“ކަން މިހެން އޮތް އިރު ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ލިބިދީފައިވާ ޙައްގު ތަކެއް ނިގުޅައި ގަތުމަށް ޕީ.ޕީ.އެމް ގެ ސަރުކާރަކުން މަސައްކަތްކޮށް އަދި އެކަމަކީ ޤައުމީ ކަމެއްކަމަށް ދިވެހިރައްޔިތުންނަށް ދެއްކުމަށް މަސައްކަތް ކުރުމަކީ، ތަޞައްރަފު ފުދިފައިވާ ބަޔަކު ސިޔާސީ މަޤުޞަދު ތަކެއް ޙާސިލުކުރުމަށް ކުރާ ސިޔާސީ މަސައްކަތް ތަކެއް ކަމުގައި ދެކެމެވެ. ވީމާ ޤާނޫނު އަސާސީ އަށް އިރުއިރު ކޮޅުން ބޮޑެތި ބަދަލު ތައް ގެނެސް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޤާނޫނު އަސާސީ އިން ލިބިދީފައިވާ ޙައްޤު ތަކާއި މިނިވަންކަން ނަގާލަން މަސައްކަތް ނުކުރުމަށް ގޮވާލަމެވެ.” ރައީސް މައުމޫންގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ގާނޫނު އަސާސީ އާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ބައެއް މާއްދާތައް ހިމަނާފައި ވެ އެވެ. އެގޮތުން ޤާނޫނު އަސާސީގެ ” އަސާސީ ޙައްޤުތަކާއި މިނިވަންކަން”  މިބާބުގެ 16 ވަނަ މާއްދާގެ (ހ) ގައި “މިބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަމާއި ޙައްޤުތައް ކަށަވަރުކޮށްދިނުން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މިޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނު އަސާސީއާ ތަޢާރުޟް ނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މި ފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ.” އަދި މިބާބުގެ 26 ވަނަ މާއްދާގައި “މިޤާނޫނު އަސާސީ ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ހައްޤުތައް ލިބިގެންވެއެވެ. އެގޮތުން (ހ) ގައި ‘ އިންތިޚާބު ތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނިމުގެ ޙައްޤު، މިފަދަ ވޯޓު ތަކަކީ ސިއްރު ވޯޓު ތަކަކަށް ވާންވާނެއެވެ.” މިހެން އޮންނަ ކަން ފާހަގަކޮށްފައި ވެ އެވެ.
އަދި އޭގެ އިތުރުން ސިފައިންގެ ޤާނޫނުގެ 19 ވަނަ މާއްދާ ” ސިފައިންގެ އެއްވެސް މީހަކު، އެއްވެސް ސިޔާސީ ޕާޓީ އެއްގައި ބައިވެރިވެ، ނުވަތަ ޙަރަކާތްތެރިވެ، ނުވަތަ އެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާފަދަ ގޮތަކަށް ޢަމަލުކޮށްގެން ނުވާނެއެވެ.” އަދި ސިފައިންގެ ޤާނޫނުގެ 20 ވަނަ މާއްދާ ” ސިފައިންގެ ކޮންމެ މީހަކަށްމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ޙައްޤު ލިބިގެން ވެއެވެ.” މިހެން ބަޔާންކޮށްފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.
މީގެ އިތުރުން ޕީ.ޕީ.އެމް ގެ އަސާސީ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ޅ) ” ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދައިދިނުމާއެކު، ރާއްޖެއަކީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރެވޭ، އަދި ޤާނޫނު ތަކަށް އިޙްތިރާމުކޮށް ބޯލަނބައި ރައްޔިތަކު ދިރިއުޅޭ ތަނަކަށް ހެދުން” މިހެން ބަޔާންކޮށްފައިވާކަންވެސް އެ ބަޔާނުގައި ވެ އެވެ.
އަދި މިފުރުޞަތުގައި، މިއަދަކީ ދިވެހިންގެ ފަޚުރުވެރި ހުރަވީ ދުވަސް ކަމުން، ހުރަވީ ދުވަހުގެ ތަހުނިޔާ ޕީ.ޕީ.އެމް ގެ މެންބަރުންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުވާ ކަމަށާއި ހުރަވީ ދުވަހަކީ އަލްސުލްތާން ޤާޒީ ޙަސަން ޢިއްޒުއްދީން ހުރަވީ (ދޮންބަންޑާރައިން) މަލާބާރީން (ހޮޅިން) ނާއި ހަގުރާމަކޮށް، ﷲ ގެ ހެޔޮރަޙުމަތްފުޅާއިއެކު، މަލާބާރީންގެ އަޅުވެތި ކަމުން ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ މަޤުޞަދަކީ އެ ބަތޮލުން ގެނެސްދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝު ދިވެހިންގެ މެދުގައި އާލާކުރުންކަމުގައިވެސް ރައީސް މައުމޫންގެ ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ