އައްމަޓީ ދޫކޮށްލި މައްސަލަ ބަލައި، ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު މައްސަލަ ބަލައި ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މި މައްސަލަ ތާވަލްކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހަށެވެ.
ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާއިންނެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަންމަޓީގެ ބަންދު ހަތް ދުވަހަށް އިތުރުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުނެރެފައެވެ.
އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފައެވެ. އެގޮތުން ހައިކޯޓުން އެ މައްސަލަ ބޭރުކުރީ އިސްތިއުނާފުގެ މުއްދަތުގައި އެބާވަތުގެ މައްސަލަތަކަށް އޮންނަ 48 ގަޑިއިރުގެ ވަގުތު ހަމަވެފައިވާ ކަމަށް ނިންމާފައެވެ.
އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ