ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި މަސްވެރިކަމަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ނެރޭ 100 ދޯންޏާއިއެކު ފަސް އަހަރުގެ ތެރޭގައި ދިހަހާސް މީހުންގެ ވަޒީފާ އުފެދިގެންދާނެ ކަމަށް އެ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސްވެރިކަމަށް އަމާޒުކޮށްގެން އަހަރަކު 100 ދޯނި ނެރެދޭނެ ކަމަށާއި ކޮންމެހެން ވެސް މަސްވެރިކަން ތަރައްގީ ކުރަން ޖެހިފައިވާ ކަމަށެވެ.
މިހާރު ވެސް ރާއްޖޭގެ މަސްވެރިކަމަށް 125 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓް ކުރައްވާފައިވާ ގާސިމް ވިދާޅުވީ ޖޭޕީ ވެރިކަމެއްގައި މަސްވެރިކަމަށް ނެރޭ ކޮންމެ ދޯންޏެއްގައި ހުންނާނީ އެއްވައްތަރެއްގެ އިންޖީނާއި މަސްވެރިކަމުގެ އާލާތްތައް ކަމަށާއި، މަސްދޯނިތައް އެކިއެކި ފަރާތްތަކާއި ހަވާލުކުރާނީ ދޯންޏަށް ބޭނުންވާނެ ހުރިހާ އާލާތެއް ހަމަކޮށްދިނުމަށްފަހު ތެޔޮވެސް އަޅައިދިނުމަށްފަހު ކަމަށެވެ. ވިދާޅުވީ އަދި އެގޮތަށް އިންތިޒާމު ކުރުމުން އިންޖީނުގެ ސްޕެއާ ފަސޭހައިން ލިބުމާއެކު މަސްވެރިކަމުގެ އާލަތްތައް ވެސް ފަސޭހައިން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ތަކެތި ހެޔޮ އަގުގައި ބޭނުން ކުރަން އެނގޭ މީހުން ބިނާ ކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މަސްވެރިކަމަށް އަހަރަކު ނެރޭ 100 ދޯންޏަކީ ބޮޑު ކަންނެއްޏާއި ކަޅުބިލަ މަހުގެ މަސްވެރިކަން ވެސް ކުރެވޭ ގޮތަށް ތައްޔާރުކުރެވޭ ދޯނިފަހަރު ކަމަށާއި ކަނޑުމަތީގައި 15 ދުވަހު އުޅެވޭ ގޮތަށް ފްލެކް އައިސް ލިބޭނެ އިންތިޒާމު ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަމަޖައްސައިދެއްވާނެ ކަމަށެވެ.
"މީގެ ނަތީޖާއަކަށް ވެގެންދަނީ 500 އޮޑިވެރިން ރާއްޖޭގައި އުފެދިގެން ދިއުން. އޭރުން 10 ހާސް މީހުންގެ ވަޒީފާ އެލިބުނީ،. އަދި 220 ދުވަހު މަހަށް ފުރާކަމަށް ވަންޏާ ދުވާލަކު މަދުވެގެން މަސް ޓަނެއް އެވަރޭޖްކޮށް ލިބޭނެ،" ޤާސިމް ވިދާޅުވި އެވެ.
މަސްވެރިކަމަށް ނެރޭ ދޯނިތަކުގެ ފެންވަރާއި އދޯނިތަކުގައި ޤާއިމުކުރެވޭ މަސްވެރިކަމާއި ގުޅުންހުރި ފަހުގެ ޓެކްނޮލޮޖީގެ ސަބަބުން ކިޔަވައިގެން ނުކުންނަށް ޒުވާނުން ވެސް މުސްތަޤުބަލުގައި މަސްވެރިކަމަށް ނުކުންނާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މަސް ދޯނި ތަކުގައި މިހާރު ތިބޭ ކެޔޮޅުންގެ ބަދަލުގައި މުސްތަޤުބަލުގައި މަސް ދޯނި ތަކުގައި ތިބޭނީ ކެޕްޓަނުން ނުވަތަ ފިޝް މާސްޓަރުން ކަމަށް ވެސް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމް ވިދާޅުވީ މަސްވެރި ކަމަށް ނެރޭ 100 ދޯނި ބަނުމަށް އަހަރަކު އެންމެ ގިނަވެގެން ވެސް ހޭދަކުރަންޖެހޭނީ 27 މިލިއަން ޑޮލަރު ކަމަށާއި އެ އިންވެސްޓްމަންޓްގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ.
"135 މިލިއަން ޑޮލަރު އަޅުގަނޑުމެން އަހަރަކު ވައްދާނަން. އަދި ދިވެހި ރުފިޔާވެސް ވަރުގަދަ ކުރެވޭނެ 14 ރުފުޔާއަށްވުރެ ބޮ ޑުނޫން ގޮތަކަށް ޑޮލަރު ހެދީމަ،" ޤާސިމް ވިދާޅުވި އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ކުރުމަށް މަސް ދޯނި ބަންނަން ބޭނުންވާ ފައިސާ ލިބޭނެ ކަމަށާއި، އެފަދަ އިންވެސްޓްމަންޓެއް ކުރަން ޖޭޕީގެ ވެރިކަމެއްގައި ފަސްނުޖެހޭނެ ކަމަށެވެ. އަދި މަސްވެރިކަމަށް ނެރޭ ދޯނި ތަކުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ކުރާނެ ފައިދާތަކެއް ހުންނާނެ ކަމަށެވެ.
"އެއްވެސް ދިމާލަކުން ލޯނު ނުލިބުނު ކަމުގައިވިޔަސް އަށެއްކަ ނުވަތަ ދިހަ ވަރަކަށް ރަށުގެ ބަނދަރު ހަދަން ކުރާ ހަރަދުން އަޅުގަނޑުމެންނަށް 400 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ، އަދި އިންވެސްޓްމެންޓް ބޭންކްތަކަށް 10 އަހަރާއި 15 އަހަރުގެ މުއްދަތެއްގެ ތެރޭގައި ދޭއް ނުވަތަ ތިން ޕަސެންޓްގެ އިންޓްރަސްޓް ލާފައި އެފައިސާ ދޭން ތައްޔާރަށް ތިބީ،" ޤާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިސާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށްކަން ހާމަކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ ދުނިޔޭގެ އިޤްތިސާދަށް އަންނަ ނޭދެވޭ ބަދަލަކުން ނުވަތަ ދޭ ޓެރަރިސްޓް ހަމަލާއެއްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް އަސަރުކުރާނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ރައްޔިތުން ބަނޑަށް ޖެހުމުގެ ބިރުވެސް އެބައޮތް ކަމަށްށެވެ. އެހެންކަމުން ފަތުރުވެރިކަން ފަދަ ސިނާއަތަކަށް ހަމައެކަނި ރާއްޖޭގެ އިޤްތިސޯދު ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް މަސްވެރިކަމުގެ ސިނާއަތު ކޮންމެހެން ވެސް ތަރައްޤީކުރަންޖެހިފައިވާ ކަމަށެވެ.
އަހަރަކު 100 ދޯންޏާއެކު ފަސް އަހަރުން ދިހަހާސް ވަޒީފާ އުފެއްދޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ